ޚަބަރު

އައިކެއަރގެ އައިނާއި ލެންސް ހެއްދުމުގެ ޚިދުމަތް އިތުރު ހަރުފަތަކަށް!


  • ޒައިސް ކުންފުނީގެ ޕާރޓްނާރޝިޕްގެ ދަށުން އައު ޚިދުމަތްތަކެއް ވަނީ ތަޢާރަފުކޮށްފައި

  • ލެންސް ސޮލިއުޝަންތަކާއި، "ޕާސަނަލައިޒްޑް ވިޝަން" ގެ ޚިދުމަތް ލިބޭނެ

ދިވެހިރާއްޖޭގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދޭ އައިކެއަރ އާއި، އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު "ޒައިސް" ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ހަމަޖައްސައިފިއެވެ.

އައިކެއަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަން ހުޅުއްވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޒައިސްއަކީ އޮޕްޓިކްސް އަދި އޮޕްޓޯއިލެކްޓްރޯނިކްސްގެ ސިނާއަތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިކެއަރގެ މެނޭޖިންގ ޑައިރެކްޓަރ ޑރ. ޢަބްދުﷲ ޒާހިރު ވިދާޅުވީ، ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށެވެ. ޓެކްނޮލޮޖީގެ ރޮނގުންނާއި އެހެނިހެން ދާއިރާތަކުން ލޮލުގެ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒައިސް ކުންފުންޏާއެކު ވެވުނު މި ބައިނަލްއަޤްވާމީ ގުޅުމުގެ ސަބަބުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ "ހައި-ކްލާސް" ޓެކްނޮލޮޖީ ރާއްޖޭގައި ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ. އަދި އެންމެ ފަހުގެ ލެންސް ސޮލިއުޝަންތަކާއި، "ޕާސަނަލައިޒްޑް ވިޝަން" ފަދަ ޒަމާނީ ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޒައިސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ލެންސް އުފެއްދުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ފާހަގަކުރައްވަމުން ޑރ. ޒާހިރު ވިދާޅުވީ، އެ ކުންފުނީގެ އުފެއްދުންތަކަކީ އެންމެ ފަހުގެ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ އުފެއްދުންތަކެއް ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން ލޮލުގެ ފެނުމުގެ ސާފުކަން އިތުރުވެ، ފެނުމުގެ މައްސަލަތަކަށް ފުރިހަމަ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"މި ޕާރޓްނާރޝިޕަކީ ހަމައެކަނި ހައި ކުއަރލިޓީ ޕްރޮޑަކްސް ގެނައުމެއްނޫން. މިއީ ކަސްޓަމަރުނަށް އިތުރު ތަޖުރިބާއާއި އަދި ދެވޭ ޙިދުމަތް ރަނގަޅުވެ، އެމީހުންނަށް ފެންނަ ފެނުން ރަނގަޅުވެ" ޑރ. އަބްދުﷲ ޒާހިރު ވިދާޅުވިއެވެ.

ޒައިސް ކުންފުނީގެ ވިޝަން ކެއަރ، ސާކް ސަރަޙައްދުގެ ހެޑް އޮފް ސޭލްސް އަބީރް ޗަންދްރަ ވިދާޅުވީ، އައިކެއަރއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި އައު ޓެކްނޮލޮޖީގެ ގިނަ ޚިދުމަތްތަކެއް ތަޢާރަފުވެގެންދާނެ ކަމަށެވެ. އަދި ޒައިސްގެ އުފެއްދުންތައް ތަޢާރަފުކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް އައިކެއަރއަކީ އެންމެ އެކަށީގެންވާ ބައިވެރިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީގެ ކޮންމެ މީހަކަށްވެސް އެމީހަކާއި އެންމެ ގުޅޭ ރަނގަޅު ކޮލިޓީގެ އައިނު ބަލައިގަތުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެގެން ގޮސްފައި. މި ޕާރޓްނާރޝިޕްއާއެކު ޒައިސްގެ ޕްރޮޑަކްޓަސްތައް ރާއްޖޭގެ އެކި ކަންކޮޅުން ލިބޭނެ ގޮތް ވެގެންދާނެ." އަބީރް ޗަންދްރަ ބުންޏެއެވެ.

މި ޕާޓްނަރޝިޕް އިފްތިތާޙްކުރުމުގެ ހަފްލާގައި، ޢިއްޒަތްތެރި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ ޢަލީ ވަނީ އައިކެއަރގައި ގާއިމުކުރެވިފައިވާ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ 'ޒައިސް ވިޒުފިޓް' ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ 3D ސްކޭން ބޭނުންކޮށްގެން، އައިނު އިޚްތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެއެވެ.

އައިކެއަރއިން ބުނީ ޒައިސްއާ ގުޅިގެން ލޮލުގެ ފަރުވާއާ ގުޅޭ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އާލާތްތައް ދިވެހިރާއްޖެއަށް ތަޢާރަފުކުރުމަށް ކުރިއަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.