2026/27 ސީޒަންގެ ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަންގެ ފަހު މެޗުގައި އުތުރުގެ ޗެމްޕިއަން، ހއ.ދިއްދޫ އާއި މާލޭގެ، ނުވަތަ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ތާވަލުގެ ތިންވަނައިގައި ކޮލިފިކޭޝަން ނިންމާލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، ދިއްދޫއިން ކާމިޔާބުކޮށްފައިވަނީ 2-6 ގެ ނަތީޖާއިންނެވެ.
މެޗުގެ ބޮޑުބައި އެއްކޮށް ޑޮމިނޭޓުކޮށްފައި ވަނީ ދިއްދޫއިންނެވެ. މެޗު ފަށައިގެން ދިއްދޫ ކުޅުންތެރިން ދިޔައީ ބިސްބުރުގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ގިނައިރުތަކެއް ނުވެ ދިއްދޫއިން ލީޑުވެސް ނެގިއެވެ.
އެގޮތުން ދިއްދޫގެ ފުރަތަމަ ލަނޑު، 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަނާއު ނަޞީރެވެ. އެއަށްފަހުވެސް ދިއްދޫއިން ހުއްޓާނުލާ، ބިސްބުރުގެ ގޯލަށް ނުރައްކާކޮށްފައިވީނަމަވެސް އެޓީމަށް ދެވަނަ ގޯލެއް ކާމިޔާބުކުރެވިފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެއިންޓް ޑަންޖޫމާ ގުމްބަރީއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ދިއްދޫ ކުރީގައި އޮވެގެންނެވެ.
ދިއްދޫއިން ވަނީ ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ އިތުރު ގޯލެއް ޖަހާފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި އެޓީމަށް މިގޯލު ކާމިޔާބުކޮށްދީފައިވަނީ ބެނާޑް އެވެ.
ދިއްދޫގެ ތިންވަނަ ގޯލު ޖެހުމާއެކު ބިސްބުރުން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަނިކޮށްފައެވެ. މި ދެގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޢަލީ އަހުސަން އެވެ. ނަމަވެސް ދިއްދޫއިން ވަނީ އިތުރު ގޯލުތަކެއް ޖަހައި، މެޗުގެ ނަތީޖާ އަލުން 3 ގޯލަށް ފުޅާކޮށްފައެވެ.
މި ނަތީޖާއާއެކު ތާވަލުގެ ގަދަ 3 ޓީމުވެސް ވަނީ 10 ޕޮއިންޓުން އެއްވަރުވެފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތަށް ބަލާއިރު އެއްވަނަ ލިބެނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. ބިސްބުރަށް ދެވަނަ ލިބޭއިރު ދިއްދޫއަށް ލިބެނީ ތިންވަނައެވެ.