ޚަބަރު

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ


  • އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު

  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން މުހިންމު

މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ބޭރަށް ހިންގުމާއެކު ނުރައްކާތެރި ބައެއް އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ޑޮކްޓަރަށް ދައްކަންޖެހޭ މުހިންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

ގިނަގިނައިން ހޮޑުލުން
މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން
ބޮލަށް އެނބުރުން އެރުން
އާދަޔާ ޚިލާފަށް ކަރުހިއްކުން
އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން
ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
ކުޑަކަމުދެވޭ މިންވަރު މަދުވުން

އެޗްޕީއޭއިން ވިދާޅުވީ، ބޭރަށް ހިންގާނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ލޮނުޕެކެޓް، ފެން އަދި ސޫޕު ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުން މުހިންމު ކަމެއް ކަމަށެވެ. އަދި ފާޚާނާ ކުރުމަށްފަހުގަޔާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ބޭނުންކުރާ ފާހާނާ ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކުދިން އަލާމާތްތައް މުޅިން ކެނޑޭތާ 24 ގަޑިއިރު (1 ދުވަސް) ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް މި މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.