ޚަބަރު

"ކުދި ޤައުމުތަކުގެ ކުރިއެރުމަށް ކޮމަންވެލްތުން ދޭ އިސްކަން ކުޑަ"


ކޮމަންވެލްތުން ވަކިވުމަށް ރާއްޖެއިން ނިންމި ނިންމުމަކީ، ކޮމަންވެލްތްގެ ހިންގުމުގައި އޮތް ދޯދިޔާކަން ހާމަވެ، އެ ޖަމްޢިއްޔާ އިޞްލާހުކުރަން ޖެހޭކަން ހާމަކޮށްދޭ ނިންމުމެއްގެ ގޮތުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ސިފަކުރައްވައިފިއެވެ.

ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމާއި ބެހޭގޮތުން އިނގިރޭސި ވިލާތުގެ ނޫހެއްކަމަށްވާ އިންޑިޕެންޑެންޓްގައި ޚާއްޞަ ލިޔުމެއް އެމަނިކުފާނުވަނީ ޝާޢިއުކުރައްވާފައެވެ. ދިވެހިރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ 1982 ވަނަ އަހަރުއެވެ. މި ޖަމްޢިއްޔާއާއި ގުޅުން ރާއްޖެއިން ދެކެފައިވަނީ، މިއީ ގިނަ ފުރުޞަތުތަކެއް ރާއްޖެއަށް ފަހިވެގެންދާނެ މުހިއްމު ނިންމުމެއްގެ، އަދި ފިޔަވަޅެއްގެ ގޮތުގައެވެ. ކޮމަންވެލްތްގެ އެންމެ ކުޑަ އެއް މެމްބަރު ޤައުމުގެ ގޮތުން ރާއްޖެއިން ދެކެފައިވަނީ، އެ ޖަމްޢިއްޔާގެ ޗާޓަރއަކީ، ބައިނަލްއަޤްވާމީ މަޞްރަހުގައި ރާއްޖޭގެ ގުޅުންތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައެވެ. އަދި، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ނިންމުމެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއްކަމަށްވާ އިންޑިޕެންޑެންޓްގައި ޝާޢިއުކޮށްފައިވާ ލިޔުމެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް ވިދާޅުވީ، މިފަދަ ޖަމްޢިއްޔާއަކުން ވަކިވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ، އެ ޖަމާޢަތުގެ ހިންގުމުގައި ހުރި ދޯދިޔާ ކަމާއި، އައު އިޞްހާލުތަކަކަށް އެ ޖަމްޢިއްޔާ ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ނިންމެވުމަށް ކަމަށެވެ. އަދި، އިނގިރޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުގައި ކުރީން އޮތް ކުދި ޤައުމުތަކުގެ ކުރިއެރުމަށް ކޮމަންވެލްތުން ދޭ އިސްކަމާއި އަހައްމިއްޔަތު ކުޑަކަން ހާމަކޮށްދޭ ނިންމެވުމެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ދިވެހި ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ ޑރ. އާޞިމް ވިދާޅުވީ، މީގެ ތެރެއިންވެސް، އިދިކޮޅު ފަރާތްތަކުން ފަހަތުގައި ތިބެގެން ސަރުކާރަށް ކުރިމަތިކުރަމުންދާ ގޮންޖެހުންތަކާއި، އެ ފަރާތްތަކުގެ ބާރުގެ ދަށުގައިވާ މީޑިއާތަކުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި، އިންސާނީ ޙައްޤުތާއި ގުޅޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ދިވެހި ސަރުކާރުގެ އިސްވެރިން ޖަވާބުދާރީ ކުރުވަން ގެންގޮސްފައިވާ މިންވަރު ފާހަގަކޮށްލަން ޖެހޭކަމަށެވެ. އަދި، މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހި ސަރުކާރަށް ކުރިމަތި ކުރަމުންދާ ފިއްތުންތައް ފާހަގަކުރެވޭ ކަމަށެވެ.

މިއީ، އޭޝިއާ، އެފްރިކާ އަދި ޕެސިފިކްގެ އެހެން ޤައުމުތަކެކޭ އެއް ފަދައިން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްކަން ފާހަގަކުރައްވަމުން، ޑރ. އާޞިމް ވިދާޅުވީ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖޭގައި މަދަނީ އަދި ސިޔާސީ ހަމަނުޖެހުންތަކެއް ނެތް ކަމަށެވެ. އަދި، އަދުލްއިންސާފުގެ ދާއިރާއާއި، ރައްޔިތުންގެ މަޖިލީހާއި، މަދަނީ ތަރައްޤީގެ ދާއިރާއިން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯދަން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ޙާލު، މި ދާއިރާތައް އިތުރަށް ހަރުދަނާކުރަން ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު، ކޮމަންވެލްތުން އެއްވެސް ވަރަކަށް ވަޒަންކޮށްފައި ނުވާކަމަށެވެ. އަދި، އެ ކޮމަންވެލްތުން މަސައްކަތް ކުރަމުން ގޮސްފައިވަނީ، ދިވެހި ސަރުކާރާއި އެކު މަޝްވަރާކޮށް، ކަންތައްތައް ހައްލުކުރުމާއި އިޞްލާހުކުރުމަށް ހިތްވަރުދީ، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، ދިވެހި ސަރުކާރަށް އިތުރަށް ފިއްތުންތައް ކުރިމަތިކޮށް، ދަތިކުރުމަށް ކަމަށް ޑރ. އާޞިމް ވިދާޅުވިއެވެ.

ޑރ. ޢާޞިމް ވިދާޅުވީ، ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމުގައި އިސް ދައުރެއް އަދާކުރަން ޖެހިވަޑައިގަތް އެއް ފަރާތުގެ ހައިޞިއްޔަތުން، މިގޮތަށް ނިންމަވަން ޖެހިވަޑައިގަތުން ވެގެންދިޔައީ ވަރަށްވެސް ދަތި، އުނދަގޫ ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ. ކޮވަންވެލްތުގެ މިހާރު ޙާލަތާއި ބެހޭގޮތުން ލިޔުއްވަމުން ޑރ. އާޞިމް ވިދާޅުވީ، ކޮމަންވެލްތަކީ، ކުދި މެމްބަރު ޤައުމުތަކުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމުގެ ޤާބިލްކަން މިހާރު އޮތް ޖަމްޢިއްޔާއެއްގެ ގޮތުގައި ޤަބޫލްފުޅު ނުކުރައްވާ ކަމަށެވެ. އަދި، އެ ޖަމްޢިއްޔާގެ އެއް ގުނަވަންކަމަށްވާ ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގުން) މިހާރުވަނީ، ކުދި ޤައުމުތަކުގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ވަދެ، މަސްހުނިވެފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކޮމަންވެލްތުން ބައިނަލްއަޤްވާމީ މަޞްރަހުގައި މިހާރު ފައިތިލަ ސާބިތުކުރަމުންދަނީ މިފަދަ މައްސަލަތަކުގެ ތެރެއިންކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރގެ ލިޔުއްވުމުގައި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، ކުރިއެރުވުމުގެ ދާއިރާއާއި، ވެރިކަން ހިންގުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިއީ ހާމައަށް ފެންނަން އޮތް ހަޤީޤަތެއްގެ ގޮތުގައި ސިފަކުރައްވާ، މި ކުރިއެރުންތައް ކޮމަންވެލްތަށް ނުފެންނަނީ ބާއޭ މިނިސްޓަރ ސުވާލުކުރެއްވިއެވެ.

ޑރ. އާޞިމް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ކޮމަންވެލްތުން ވަކިވުމަށް ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ، އެއްވެސް ޙާލެއްގައި، އެ ޖަމްޢިއްޔާގެ ދަށުގައިވާ ރާއްޖޭގެ އެކުވެރިންނާއިއެކު އޮތް ގުޅުމަށް ކުޑަވެސް ހީނަރުކަމެއް އަންނާނެ ނިންމެވުމެއް ނޫންކަމަށެވެ. އަދި، އިނގިރޭސި ވިލާތާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަކީ، ރާއްޖެއިން އެއްވެސް ޒަމާނެއްގައި ހަނދާން ނައްތާލާނެ ގުޅުމެއް ނޫންކަމަށާއި ރާއްޖެއިން އަބަދުވެސް އިނގިރޭސިވިލާތަށް އެކުވެރިކަމުގެ އަތެއް ދިއްކޮށްފައި އޮންނާނެކަމަށް މިނިސްޓަރ ލިޔުއްވާފައިވެއެވެ.