ބ. ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ފަށައިފިއެވެ. މި ސެންޓަރުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.
މަސައްކަތުގެ އެއްބަސްވުން ޤާއިމުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެއަތޮޅު ތުޅާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްތަކެވެ.
މިތަން ނިމުމުން މި މަރުކަޒުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެއެވެ.
އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތު އަދި އެމަނިކުފާނުގެ ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާގޮތަށެވެ. 2 ފަންގިފިލާއަަކަށް ތަރައްޤީކުރާ މި ސެންޓަރުގައި ކެފޭއެއް އަދި ހިތްފަސޭހަކޮށްލުމަށް ޖާގަވެސް ހުންނާނެއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ލިޔެލާ ޖެހުމާއި އެހެނިހެން ދިވެހިވަންތަ މަސައްކަތްކުރުމަށް ޤައުމީ ފެންވަރުގެ މަރުކަޒެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތާ ގުޅިފައިވާ ލިޔެލާ ޖެހުމާއި އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ބ. ތުޅާދޫގައި ޤާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމުމާއި އެއްގޮތަށެވެ.
ބ. ތުޅާދޫއަކީ ދިވެހިންގެ އަމިއްލަވަންތަ އަތްތެރި މަސައްކަތްތަކުގެ ތެރެއިން، ލިޔެލާޖެހުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށެވެ. އެރަށުގައި މި ހުނަރު ދިރުވާ އާލާކުރުމަށް ރަށުގެ ރައްޔިތުން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.