ވެނެޒުއެލާއަށް ހުސްވި ހަފުތާގައި އައި ބާރުގަދަ ދެ ބިންހެލުންތަކަށްފަހު، ސަރުކާރުގެ އެހީ ލަސްވުމުން ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ އިތުރުވާން ފަށައިފިއެވެ. ބިންހެލުންތަކުގައި މިހާތަނަށް މަރުވިކަން ކަށަވަރުކުރެވިފައިވާ މީހުންގެ ޢަދަދު ވަނީ 1،719 އަށް އުފުލިފައެވެ. އަދި، 5،034 މީހުންނަށް އަނިޔާވެ، 15،866 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުންތަކުގައި 200 އެއްހާ އިމާރާތް ވަނީ ބިމާހަމަވެފައެވެ. އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނީ، ލޮޅުންތަކުގައި މިހާ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކުރީގެ ރައީސުން ކަމުގައިވާ ނިކޮލަސް މަދޫރޯއާއި ހޫގޯ ޗާވޭޒްގެ ވެރިކަމުގައި އިމާރާތްކުރުމުގެ މިންގަނޑުތަކާ ޚިލާފުވެފައިވާތީ ކަމުގައެވެ.
މަރުވި މީހުންގެ ތެރޭގައި އެމެރިކާއިން އަނބުރައި ފޮނުވައިލާފައިވާ 140 މީހުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. ވެރިރަށް ކަރާކަސް ކައިރީގައި އޮންނަ އެލް ހުންކީޓޯގެ ގިނަ ރައްޔިތުން މައިދާންތަކާއި ހުސް ބިންތަކުގައި ފޭލިގެ ޖަހައިގެން ދިރިއުޅެމުންދާއިރު، ޢާންމުން ދަނީ އެކަކު އަނެކަކަށް ޒަރޫރީ ސާމާނު ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ލޮޅުންތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިޔާސީ ނުތަނަވަސްކަން ވެސް ވަނީ ފެންމަތިވެފައެވެ. އެމެރިކާއިން މަދޫރޯ ހައްޔަރުކޮށް، ވެރިކަމުން ދުރުކުރުމާއެކު، ވޮޝިންގޓަނުގެ ތާއީދާއެކު ވަގުތީ ރައީސްގެ މަސްޢޫލިއްޔަތާ ޙަވާލުވެވަޑައިގަންނަވާފައި ވަނީ ދެލްސީ ރޮޑްރީގޭޒްއެވެ. އަދި، އިދިކޮޅު ޕާޓީގެ ވެރިޔާ މަރީނާ ކޮރީނާ މަޗާދޯ އެނބުރި ޤައުމަށް ދަތުރުކުރުމަށް ހުރަސް އަޅަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ވެނެޒުއެލާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، 30 ޤައުމަކުން 1،000 މެޓްރިކް ޓަނުގެ އެހީގެ ސާމާނާއި، 3،600 އަށްވުރެ ގިނަ ރެސްކިއު މަސައްކަތްތެރިން ވަނީ ފޮނުވާފައެވެ. އަދި، މީހުން ހޯދުމުގައި އެހީތެރިވުމަށް 118 ކުއްތާ ވެސް ވަނީ ފޮނުވާފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ލަ ގުއައިރާ ސްޓޭޓްގައި 15 ވަގުތީ ހިޔާ ބިނާކޮށް، 50 ވަގުތީ ކޭމްޕު ވަނީ ޤާއިމުކޮށްފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ސިނާއީ މަސައްކަތްތަކަށް ހުރަސްއެޅުނު ނަމަވެސް، ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި، ތެޔޮ އުފައްދާ މިންވަރަށް ބަދަލެއް ނާންނަ ކަމުގައި ދައުލަތުގެ ތެޔޮ ކުންފުނިން ބުންޏެވެ.
ބިންހެލުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 45,000 އަށް އަރައެވެ. އެ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދިރިތިބި ބައެއް މީހުން ދަނީ ފެންނަމުންނެވެ. އޭގެ ތެރެއިން އެކަކަކީ، 106 ގަޑިއިރު ވަންދެން އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް އުމުރުން 21 އަހަރުގެ އާރޮން ލެވީއެވެ. 43 ގަޑިއިރުގެ މަސައްކަތަށްފަހު އޭނާ ސަލާމަތް ކުރެވުމުން ރޮޑްރީގޭޒް ވަނީ މީހުން ސަލާމަތްކުރުމުގެ ހަރަކާތްތަކަށް ބޮޑު އުންމީދެއް ލިބިފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ދަނޑިވަޅުގައި، ކެތްތެރިކަމާއި ހަމަޖެހުން އިސްކުރުމަށް ވެނެޒުއެލާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ރޮޑްރީގޭޒްގެ ބޭބޭފުޅު ހޮރްހޭ ރޮޑްރީގޭޒް ވަނީ ޢާންމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، ދޮގު ޚަބަރުތަކަށް ނުހެއްލި، ހަމައެކަނި ރަސްމީ އިދާރާތަކުގެ މަޢުލޫމާތަށް އިތުބާރުކުރުމަށް ސަރުކާރުން ވެސް ވަނީ ގޮވައިލާފައެވެ.