އެމެރިކާގެ މަންދޫބުންނާ ބައްދަލުނުކުރާނެ ކަމުގައި އީރާނުން ބުނުމުން، ދެ ޤައުމުގެ ދެމެދުގައި ދާއިމީ ޞުލްޙަ ޤާއިމުކުރުމަށް އޮތް އުންމީދު ފަނޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ. ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ވަޑައިގެންނެވި އެމެރިކާގެ އިސް މަންދޫބުންނާ ސީދާ ބައްދަލުކުރުމުގެ ބަދަލުގައި، އީރާނުން ބޭނުންވަނީ މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރުގެ އޮފިޝަލުން މެދުވެރިކޮށް، ނުސީދާ ގޮތުގައި ވާހަކަތައް ކުރިއަށް ގެންދިޔުމަށެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ފަދަ އުނދަގޫ އަދި ބޮޑެތި މައްސަލަތަކާ މަޝްވަރާކުރުމުގެ ކުރިން، މީގެ ދެ ހަފުތާ ކުރިން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމުގެ ޝަރުޠުތަކަށް ދެ ފަރާތުން ފުރިހަމައަށް އަމަލުކޮށް ނިންމުމަށް އީރާނުގެ އޮފިޝަލުން ވަނީ ގޮވައިލައްވާފައެވެ.
އީރާނަށް އިތުރު ޙަމަލާތަކެއް ދިނުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދެވި ނަމަވެސް، އޭނާ މި ވަގުތަށް ނިންމަވާފައި ވަނީ ޚާރިޖީ މަޝްވަރާތަކަށް ފުރުޞަތު ދެއްވުމަށެވެ. އަނެއްކޮޅުން، ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުން އީރާނާއި ޢުމާން ގުޅިގެން ފީއެއް ނެގުމަށް ތައްޔާރުވަމުންދާ ކަމުގައި ތެހްރާނުން ވަނީ ހާމަކޮށްފައެވެ. ތެހްރާނުން ބުނީ، އެ ކަނޑުއޮޅީގެ ސިޔާދަތީ ބާރު އޮތީ އެ ދެ ޤައުމަށް ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ބައިނަލްއަޤުވާމީ ކަނޑުއޮޅިން ފީއެއް ނެގުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ހުސްވި ހަފުތާ ބަންދުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު ޙަމަލާތަކަށްފަހު ވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކޮންމެ ވެސް ވަރަކަށް ދަށަށްގޮސްފައެވެ. ނަމަވެސް، ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ނާޒުކު އިޤުތިޞާދުތަކަށް އަދިވެސް ނުރައްކާތަކެއް އޮތް ކަމުގައި އެކުވެރި ދައުލަތްތަކުން (އދ) ވަނީ އިންޒާރު ކޮށްފައެވެ. އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުދަލާއި ޚިދުމަތުގެ އަގު އުފުލި، ނޮވެންބަރުގައި އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ އިންތިޚާބުގައި ޓްރަމްޕްގެ ސަރުކާރަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. މި ކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން ދަނީ ޕެޓްރޯލްގެ އަގު ދަށްކުރުމަށް ވިޔަފާރިވެރިންނަށް ގޮވައިލައްވަމުންނެވެ.
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އިބުތިދާއީ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާއި ޔަހޫދީންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ލުބްނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީއާއި މަަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ މި ކަމާމެދު ޝައްކު އުފައްދަވާފައެވެ. ސަބަބަކީ، ޔަހޫދީން ދެކުނު ލުބްނާނުން ފޭބުމާއި، ޙިޒްބުالله އިން ހަތިިޔާރު ބެހެއްޓުމާ ގުޅުވައިލާފައި އޮތުމުން މި މައްސަލަ ޙައްލުނުވެ ދިގުލައިގެން ދިޔުމެވެ.