ހުސްވެފައިވާ ޖަރުމަނުވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މަޝްހޫރު ކޯޗު ޔާގެން ކްލޮޕް ހަމަޖައްސަން ނިންމައިފި އެވެ.
ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ކާމިޔާބު ހޯދި ކޯޗަށް ގައުމީ ކޯޗުކަން ދޭން ނިންމީ އަމިއްލަ ގައުމުގެ ގައުމީ ޓީމާ ހަވާލުވާން އާނ ބަސް ލިބުމުންނެވެ. ޖަރުމަނު ފެޑަރޭޝަނުން އޭނާއާ މަޝްވަރާ ކުރަން ފެށީ ހުސްވި ހަފުތާގައި ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖަރުމަނު ކެޓުމުން ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރުމަށް ފަހު އެވެ.
ކްލޮޕް މިވަގުތު ހުރީ އެމެރިކާގެ ރެޑްބުލް ގްރޫޕުގެ ގްލޯބަލް ސްޕޯޓްސް ޑައިރެކްޓަރަކަށެވެ. ރެޑް ބުލްގައި ކްލޮޕް ހަވާލުވީ ކުޅުންތެރިން ތަރައްޤީކުރުމާއި، ޓްރާންސްފާއާ ގުޅުންހުރި ކަންކަމުގައި ރެޑް ބުލްގެ ކްލަބުތަކަށް ލަފާދިނުމަށެވެ. ރެޑް ބުލްގެ ކުޑައިގެ ދަށުން ހިންގަމުންދާ ކުލަބުތަކަކީ ޖަރުމަންގެ އާރްބީ ލައިޕްޒީގާއި، ނިއު ޔޯކް ރެޑް ބުލްސް އާއި، އާރްބީ ސާލްޒްބާގާއި، އާރްބީ ބްރަޒިލް އަދި އާރްބީ ބްރަގަންޓީނޯއެވެ.
ކްލޮޕްގެ ކާމިޔާބު އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ލިވަޕޫލުންނެވެ. އޭނާ ވަނީ 2015 ވަނަ އަހަރު އެ ޓީމާ ހަވާލުވެ 30 އަހަރަށް ފަހު ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިނުމުގެ އިތުރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. މި ޒަމާނުގައި ކާމިޔާބު ޓީމަކަށް ލިވަޕޫލް ބަދަލު ކުރީ ވެސް އޭނާގެ ވިސްނުމާއި ރޭވުންތެރިކަމުގަ އެވެ.