ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ އިން ގަދަ 32 ޓީމުގެ ބުރުގައި، ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނައަށް އައި އެއް މެޗުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑުކުރުމަށް ފީފާއިން ނިންމީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނުފޫޒުންކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕް ވަނީ، އެ މެޗަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި، ބަލޮގަންގެ ސަސްޕެންޝަންގެ މައްސަލަ އަލުން ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.
މި ފޯނު ކޯލަށްފަހު، ފީފާގެ "މިނިވަން" ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ މައްސަލަ އަލުން ބަލައި، ބަލޮގަންއަށް ދެއްކި ރަތް ކާޑަށް ލުއި ދޭން ނިންމާފައެވެ. އެގޮތުން، ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން ސަސްޕެންޑް ކުރުމަށެވެ. މި ސަސްޕެންޝަނާ އެއްގޮތަށް ބަލޮގަން އަދަބު ތަންފީޒުކުރާނީ، އެފަދަ ފައުލެއް ތަކުރާރުކޮށްފިނަމައެވެ.
ފީފާގެ މި ނިންމުމާއެކު ޓްރަމްޕް ވަނީ އެކަމަށް ޝުކުރު ދަންނަވައި ސޯޝަލްމީޑިއާގައި ޕޯސްޓުކުރައްވާފައެވެ. އެގޮތުން، ކަމުގެ ރަނގަޅުގޮތަށް ކަންކުރީތީ އާއި، ނާއިންސާފުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރީތީ ފީފާއަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ފީފާގެ މި ނިންމުމާއި، އެ ނިންމުމާ ގުޅިގެން ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން އަދި މި މައްސަލައިގައި ޓްރަމްޕާއި އިންފަންޓީނޯ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފީފާގެ ވެރިންނާއި ފީފާގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް، ސިޔާސީ ކަންކަމާ މަސްޢޫލުވެ އުޅުމާއި، ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެއްދޭފަދަ ގުޅުންތައް ބޭއްވުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، އިންފަންޓީނޯ، އެމެރިކާގެ ރައީސްއާ ބާއްވަވާ ގާތްގުޅުމުގެ ސަބަބުން މީގެކުރިންވެސް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އިނަފަންޓީނޯ ވަނީ ވުޖޫދުގައި ނެތް އެވޯޑެއް އުފައްދަވައި، "ފީފާ ޕީސް ޕްރައިޒް" ގެ ނަމުގައި ޙާއްސަ އެވޯޑެއް، ޓްރަމްޕަށް ދެއްވާފައެވެ. އަދި ނިއު ޔޯކް ސިޓީގެ މެންހަޓަންގައި ހުންނަ ޓްރަމްޕް ޓަވަރުގައި ފީފާގެ އޮފީހެއް ވެސް ހުޅުވާފައިވާކަން ފާޙަގަކޮށްލަން ޖެހެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ތިން ގޯލު ޖެހި ބަލޮގަން އަކީ އެމެރިކާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެކެވެ. ބަލޮގަން އަށް ގަދަ 16 ޓީމުގެ ބުރުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެވުމަކީ އެމެރިކާ އަށް ލިބުނު ބޮޑު ހިތްހަަމަޖެހުމެއް ކަމަށް އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ، ޔޫއެސް ސޮކާ އިން ވަނީ ބުނެފަ އެވެ.
މި ނިންމުމާ ގުޅިގެން މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކޯޗުން ވެސް އަންނަނީ ނުރުހުން ފާޅުކޮށް، ފާޅުގައި އެކަމާ ދެކޮޅު ހަދަމުންނެވެ.