ޚަބަރު

ބެލޮގުން ރަތް ކާޑުގެ އެއްވެސް އަސަރެއް ބެލްޖިއަމް ޓީމަކަށް ނުކުރޭ: ގާސިއާ


  • މިމެޗު ބެލްޖިއަމް ކާމިޔާބު ކުރީ 4 ލަނޑު އެއް ލަނޑުން

  • ގާސިއާ ވަނީ މިމުބާރާތުގައި އެމެރިކާއިން ދައްކަމުންދިޔަ މޮޅު ކުޅުމަށް ތައުރީފްކޮށްފަ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އެމެރިކާ ޓީމުގެ ފޯވަޑް ފްލޯރިއަން ބެލޮގުން އަށް ދެއްކި ރަތް ކާޑު ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމި ނިންމުމުގެ އެއްވެސް އަސަރެއް ބެލްޖިއަމް ޓީމަށް ނުކުރާ ކަމަށް އެޓީމުގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފަހު 16 ޓީމުގެ ބުރުގައި އެމެރިކާ އާއި ބައްދަލުކޮށް 4 ލަނޑު އެއް ލަނޑުގެ ނަތީޖާ އަކުން ބެލްޖިއަމް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ގާސިއާ ބުނީ އެމެރިކާއިން އެޓީމުގެ ފުރަތަަމަ އެގާރައިގައި ކޮންމެ ކުޅުންތެރިންތަކެއް ހިމެނި ނަމަވެސް އޭނާ އެއްވެސް ވަރަކަށް ހާސްކަމެއް ނެތް ކަމަށާއި އޭނާ ބެލީ އެމެރިކާ ޓީމަށް ވިސްނުމުގެ ބަދަލުގައި ބެލްޖިއަމް ޓީމުން އެޓީމުގެ ކުޅުން ރޭވި ރޭވުމާއި އެއްގޮތަށް ގެންދެވޭތޯ ކަމަށެވެ. އަދި މިމެޗުގައި ބެލްޖިއަމް އިން ބޭނުންވީ އެމެރިކާ ޓީމަށް ބެލުމެއް ނެތި މެޗު އެޓީމުން ބޭނުންވި ގޮތަށް ކުޅެން ކަމަށާއި އެގޮތުން މެޗުގެ ހުރިހާ ކަމެއްވެސް ދިޔައީ ބޭނުންވި ގޮތަށް ކަމަށް ގާސިއާ ބުންޏެވެ.

ގާސިއާ ވަނީ މިމުބާރާތުގައި އެމެރިކާއިން ދައްކަމުންދިޔަ މޮޅު ކުޅުމަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެމެރިކާއިން ވަނީ އެޓީމުގެ ފެންވަރު ދައްކާލާފައި ކަމަށާއި އަދި މިމެޗާއި ޖެހެންދެން އެމެރިކާ ފެނިގެން ގޮސްފައިވަނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ގާސިއާ ފާހަގަ ކުރިއެވެ. އަދި މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗު ކަމުގެ ދަށުން އެމެރިކާވަނީ ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިކަމަށާއި އަދި އެމެރިކާގެ ފުޓްބޯޅަ ދަނީ ވަރަށް ރަނގަޅު މިސްރާބަކުންކަންވެސް ގާސިއާ ފާހަގަ ކުރިއެވެ.

މީގެއިތުރުން ގާސިއާ ވަނީ މިމެޗުގައި އެޓީމުގެ ހުރިހާ ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ މޮޅު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. މިގޮތުން ކީޕަރ ޓީބޯ ކޯޓުއަރ އިން ފެނިގެން ގޮސް ފޯވަޑް ރޮމެލޫ ލުކާކޫ އާއި ހަމައަށް ހުރިހާ ކުޅުންތެރިންވެސް ގޭމް ޕްލޭނާއި އެއްގޮތަށް މޮޅު ކުޅުމެއް ދެއްކިކަން ގާސިއާ ފާހަގަ ކުރިއެވެ. އެހެން ކަމުން މިއީ ވަރަށް ފުރިހަމަ ކާމިޔާބީ އެއްގެގޮތުގައި ބެލްޖިއަމްގެ ކޯޗު ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެމެރިކާގެ ކޯޗު ޕޮޗެޓީނޯ ބުނީ މިމެޗުގައި މެރިކާއަށް ވުރެ ބެލްޖިއަމް ކުޅުނުލެއް މާރަނގަޅު ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ޓީމަށް ގިނަ ކުރިއެރުން ތަކެއް އައިސްފައިވާ ކަމަށާއި މި އައިސްފައިވާ ކުރިއެރުމާއި މެދު އޭނާ ފަހުރުވެރިވާކަމަށެވެ. އަދި ބައެއް ފަހަރު މާއަވަހަށް ކުރިއަރަން އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މަޑުމަޑުން އެކަން ކުރުން ބައެއް ފަހަރު މާރަނގަޅުވެފައި ފައިދާ ބޮޑުކަމަށެވެ. އަދި އެމެރިކާ ޓީމުން މިވަނީ އެޓީމަށް ފުޓްބޯޅަ ކުޅެވޭކަން މިފަހަރުގެ ވޯލްޑް ކަޕްގައި ދައްކުވައިދީފައެވެ. އަދި މަސައްކަތް ކުރަންވީ މިކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދެވޭތޯ ކަމަށްވެސް ޕޮޗެޓީނޯ ފާހަގަ ކުރިއެވެ.