އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ މައި މަރުކަޒު، އަމީރު ޙަސަން ވައިގެ ބަނދަރަށް އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ޙަމަލާދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އައިއާރްޖީސީން ދިން ވަރުގަދަ ޙަމަލާތަކުގައި އެ ތަނުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރު، ނުވަތަ މައި މަރުކަޒުގެ އިތުރުން އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯން ރައްކާކުރާ ގުދަންތައް ހަލާކުކޮށްލާފައިވާނެ ކަމުގައި އައިއާރްޖީސީން ބުންޏެވެ. އެމެރިކާއިން ދެމުންދާ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން މި ޙަމަލާތަކަކީ، އެމެރިކާގެ އަސްކަރީ މަޤާމުތަކަށް އަމާޒުކޮށް އީރާނުން ފެށި ޙަމަލާތަކުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވެސް އައިއާރްޖީސީން އިންޒާރު ދިނެވެ.
އައިއާރްޖީސީން ބުނީ، ޢުމާންގެ މައްޗަށް ނުފޫޒު ފޯރުވައި، ތެހްރާނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ވޮޝިންގޓަނުން ބާރުއަޅަމުންދާ ކަމުގައެވެ. މި ގޮތުން، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ހުއްދަކޮށްފައި ނުވާ މަގުތައް ބޭނުންކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައި އައިއާރްޖީސީން ބުންޏެވެ. ހުރްމުޒުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ޙަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް އެމެރިކާގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާންގެ ދެކުނު އައްސޭރިފަށުގައި ހުރި އަސްކަރީ މަރުކަޒުތަކަށެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އައިއާރްޖީސީން ވަނީ ދީފައެވެ.
ޤަޠަރުގައި ހުންނަ އަލް-ޢުދަޔިދު ވައިގެ ބަނދަރަށް ވެސް ބެލިސްޓިކް މިސައިލްތަކުން ޙަމަލާތަކެއް ދީފައިވާނެ ކަމުގައި އައިއާރްޖީސީން ބުނެއެވެ. އެ ޙަމަލާތަކުގައި އެ މަރުކަޒުގައި ހުންނަ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު މަރާމާތުކުރާ މަރުކަޒަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒެއް ހަލާކުކޮށްލާފައިވާނެ ކަމުގައި ވެސް އައިއާރްޖީސީން ބަޔާންކުރިއެވެ. ނަމަވެސް، ޤަޠަރުގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމަށް އަމާޒުކުރި މިސައިލުތައް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ.
މީގެ އިތުރުން، އައިއާރްޖީސީގެ ޙަމަލާތައް ކުވަޔިތާއި ބަޙްރަޔިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްފައިވާ ކަމުގައި ވެސް އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. މި ގޮތުން، ކުވަޔިތުގައި ހުންނަ އެމެރިކާގެ 'ޕޭޓްރިޔަޓް' މަރުކާގެ ވައިގެ ދިފާޢީ ނިޒާމަށާއި ހަތިޔާރު ގުދަނަކަށް އަދި ރާޑަރު ނިޒާމަކަށް ޑްރޯންތަކުން ޙަމަލާ ދީފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބަޙްރަޔިންގައި ހުންނަ މުވާސަލާތީ ނިޒާމަކަށް ވެސް ޑްރޯން ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ. މިއީ، އީރާނުގެ ސަރަޙައްދުތަކަށް އެމެރިކާއިން ދެމުންދާ ޙަމަލާތަކަށް ދިން ރައްދެއް ކަމުގައި އައިއާރްޖީސީން ބުނެފައިވެއެވެ.