ޚަބަރު

ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިމިއްޖެ


  • ސެގްމެންޓު 4 އަދި 5ގައި ތާރުއަޅާ ވަނީ ނިންމާލާފައި

  • އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިރޭ ނިމޭނެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ކީވޯލް ކެޕިންގ ކޮންކްރީޓް މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާއިރު، މުޅި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މީގެ ތެރެއިން ސެގްމެންޓު 4 އަދި 5 (ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް) ވަނީ ތާރު އަޅާ ނިންމާލާފައެވެ. މި ސަރަހައްދުގައި މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

ސެގްމެންޓު 2 އަދި 3ގެ މަސައްކަތްތަކަށް ބަލާއިރު، މި ސަރަހައްދުގެ ސަބް-ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތްތައް މިރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މި ސެގްމެންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަގު އިތުރަށް ފުޅާކޮށް، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި މަގު އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ އެއްކޮށް ތާރު އަޅާ ނިންމުމަށްފަހުއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާރު ލަފާކުރެވެނީ މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ހެންވޭރު ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް ނިމި، ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.