ކުޅިވަރު

ސްޕޭން ދެކެ ފްރާންސް ބިރެއް ނުގަނޭ!


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ ރޭ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާ ވާދަ ކުރަން ޖެހުމަކީ ފްރާންސް ބިރު ގަންނަ ކަމެއް ނޫން ކަމަށް އެ ގައުމުގެ ކުޅުންތެރިން ބުނަން ފަށައިފި އެވެ.

ލިވަޕޫލަށް ކުޅުނު ފްރާންސްގެ ޑިފެންޑްރު އިބްރާހީމާ ކޮނާޓޭ ބުނީ ސްޕޭނަކީ މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. ނަމަވެސް އެކަމާ ބިރުން ފްރާންސް އުޅެން ނުޖެހޭނެ ކަމަށެވެ.

"އަހަރުމެން ސްޕޭނަށް ފުރިހަމަ އަށް އިހްތިރާމް ކުރަން. ސްޕޭނަކީ މޮޅު ކުޅުންތެރިން ގިނަ ޓީމެއް. ލަމީން ޔަމާލަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވެސް ވެދާނެ. އެކަމަކު މިއީ ފްރާންސް ޖެހިލުންވެ ނުވަތަ ބިރު ގަންނަންވީ ކަމެއް ނޫން،" ކޮނާޓޭ ބުންޏެވެ.

ފްރާންސާއި ސްޕޭނަކީ ގިނަ ބައެއްގެ ނަޒަރުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ގައުމެވެ. އަދި އެއް ބަޔަކަށް އަނެއް ބަޔަކު ވަރަށް ރަނގަޅަށް އެނގެ އެވެ. މީގެ ދެ އަހަރު ކުރިން އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަންކަން ސްޕޭން ހޯދީ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށްފަ އެވެ.

އަދި މި ފަހަރުގެ ފައިނަލަށް ދަތުރު ކުރެވިއއްޖެނަމަ ފްރާންސް ވެގެންދާނީ ޖަރުމަނަށް ފަހު ހަތް އަހަރު ތެރޭގައި ވޯލްޑް ކަޕުގެ ފައިނަލަށް ހަތަރު ވަނަ ފަހަރަށް ދަތރު ކުރާ ފުރަތަމަ ގައުމަށެވެ. ނަމަވެސް ކޮނާޓޭ ބުނީ މިއީ ކުޅުންތެރިން ވިސްނާ ކަމެއް ނޫން ކަމަށެވެ.

"ތާރީހުގައި ކަންކަން އަބަދުވެސް ހިނގާނެ. އަދި ތާރީހަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއް. ފްރާންސް މިފަދަ ކަންކަމުގެ ދަލުގައި ނުޖެހޭނެ. އަހަރުމެން މިތިބީ މިއަށްވުރެ ވިސްނުންތެރިކަމާއެކު. ސްޕޭން މެޗަކީ ގަދަ މެޗަކަށްވާނެ. އަހަރުމެން އެ މީހުން ދެކެ ބިރު ނުގަތަސް އެ މީހުންނާ ދެކޮޅަށް ކުޅެން އަހަރުމެން ވަރަށް ފަރުވާތެރިވާން ޖެހޭނެ،" ކޮނާޓޭ ބުންޏެވެ.

ފްރާންސާއި ސްޕޭން ބައްދަލު ކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ބަޔަކު ފައިނަލްގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިނގިރޭސިވިލާތް ބައްދަލުކޮށް މޮޅުވާ ބަޔަކާ އެވެ.