ޚަބަރު

އިކުއެޓޯރިއަލް ހޮސްޕިޓަލުން ބަލިމީހުންގެ ރައްކާތެރިކަމަށް ޚާއްސަ ތަމްރީނެއް


  • ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ

  • މި ޕްރޮގްރާމުގައި 50 އަށްވުރެ ގިނަ މީހުން ބައިވެރިވި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗުން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ "ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ލީޑަރޝިޕް އެންޑް ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިތަމްރީން ޕްރޮގްރާމަކީ ދެކުނުގެ ސަރަހައްދުގެ ބަލިމީހުންގެ ރައްކާތެރިކަމާއި ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އޭއީއެޗުން ފާހަގަކުރެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އޭއީއެޗްގެ ކްލިނިކަލް އަދި ނޮން-ކްލިނިކަލް ދާއިރާތަކުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ މަންދޫބުން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާނެ "ޗެމްޕިއަން" ނެޓްވޯކެއް އުފައްދައި، އެ ފަރާތްތައް މެދުވެރިކޮށް އެކި ދާއިރާތަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަޙުމަދު އަދީލް ނަސީރެވެ. މި ރަސްމިއްޔާތުގައި ވަނީ "އޭއީއެޗް ޕޭޝަންޓް ސޭފްޓީ ޓްރެއިނިންގ އެންޑް ރިސޯސް މެނުއަލް - ޓުގެދަރ ޓުވާޑްސް ޒީރޯ އެވޮއިޑަބަލް ހާމް" ގެ ނަމުގައި ޚާއްސަ މެނުއަލްއެއްވެސް ނެރެފައެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އިސްވެރިންނާއި، ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ޖޭސީއައި ޕްރެޒިޑެންޝަލް ފެލޯ ޒަރާނާ މުހައްމަދު އަލީވެސް ވަނީ މުހިންމު ރިސޯސް ޕާސަނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އޭއީއެޗުން ވިދާޅުވީ، މިޕްރޮގްރާމްގެ ތެރެއިން ބަލިމީހުންގެ ރައްކާތެރިކަމުގެ އުސޫލުތަކާއި، ސޭފްޓީ ކަލްޗަރ، އިންސިޑެންޓް ރިޕޯޓިންގ، ފަރުވާގެ ފެންވަރު ރަނގަޅުކުރުމުގެ އުކުޅުތައް، އިންފެކްޝަން ކޮންޓްރޯލް އަދި ލީޑަރޝިޕް ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް ތަމްރީނު ދެވޭނެ ކަމަށެވެ. މީގެ އިތުރުން، އަމަލީ ގޮތުން ކުރެވޭ ސިމިއުލޭޝަން ތަމްރީނުތަކާއި ގްރޫޕް މަޝްވަރާތައްވެސް މިޕްރޮގްރާމްގައި ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިން ތަމްރީނު ނިންމުމަށްފަހު، އެ ބޭފުޅަކު މަސައްކަތްކުރާ ޑިޕާޓްމަންޓެއްގައި ބަލިމީހުންގެ ރައްކާތެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓެއް ހިންގަންޖެހޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި މިއީ އޭއީއެޗްއިން ކަނޑައަޅާފައިވާ "ޒީރޯ އެވޮއިޑަބަލް ހާމް" ނުވަތަ އުނިކުރެވިދާނެ އެއްވެސް ގެއްލުމެއް ބަލިމީހާއަށް ނުލިބޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށްވެސް އޭއީއެޗުން ފާހަގަކުރެއެވެ.

މި އިސްނެގުމަކީ ބަލިމީހުންގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެކި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޞިއްޙި ހިދުމަތެއް ކަށަވަރުކުރުމަށް އޭއީއެޗްއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެއް ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗުން ވިދާޅުވެއެވެ.