ކުޅިވަރު

ފްރާންސް - ސްޕޭން: ފަރުވާ ކުޑަކޮށްލައިފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މެޗު ގެއްލިދާނެ


މި ފަހަރުގެ ވޯލްޑްކަޕަށް ފްރާންސް ކުރިމަތިލީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފޯވަޑް ލައިނާއެކުގަ އެވެ. ކެޕްޓަން ކީލިއަމް އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޮސްމާނޭ ޑެމްބެލޭ އާއި ބްރެޑްލީ ބާކޯލާ ފްރެންޗް ލީގުގައި 21 ގޯލު ޖަހައި ސީޒަން ނިންމީ ޗެމްޕިއަންސް ލީގު ވެސް ދިފާއު ކޮށްގެންނެވެ. އިޓާލިއަން ލީގު އިންޓަމިލާން ކާމިޔާބު ކުރުމުގައި މާކަސް ތުރަމް ޖެހި ގޯލުތައް ވެސް މަދެއްނޫނެވެ.

މިތޫނުފިލިކަން ވޯލްޑް ކަޕުގައި ފްރާންސް ޓީމުން ދައްކަމުން އެދަނީ މީހަކަށް ސުވާލެއް ކޮށްލަން ވެސް ނޭނގޭނެހާ މޮޅަށެވެ. އެ މީހުންނަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި އެއް ޓީމެވެ. ފްރާންސްގެ މެދާއި ކުރިއަށް ކުޅޭ ކުޅުންތެރިން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުގައި ވެސް އެމީހުންގެ ގޯލްޖެހުމުގެ ތޫނުފިލިކަމާއި ނަފްސާނީގޮތުން މެޗަށް ތައްޔާރުވެފައިވާ މިންވަރު ސާބިތުކޮށްދީފަ އެވެ. ހަގީގަތުގައި ވެސް ފްރާންސް ޓީމުގައި ވެރައިޓީ އެބައޮތެވެ. މައިކަލް އޮލީސޭ އަކީ ޓީމުގެ މެދާއި ކުރި ގުޅުވައިވޭ މައިބަދަ އެވެ.

އެމްބާޕޭ އާއި ޑެމްބެލޭއާއެކު ޑޮއޫ އާއި ބާކޯލާއާއެކު އޮލީސޭ އަކީ ވެސް ހުނަރާއި ޓްރިކްތައް މޮޅު، ސްޕީޑް އަވަސް، ވަން-އޮން-ވަން ގައި ކޮންމެ މީހަކު ގައިން ވެސް ނައްޓާލާނެ ފަދަ ކުޅުންތެރިއެކެވެ. ފަހަތުން ވިލިއަމް ސަލީބާ އާއި ޑަޔޮޓް އުޕަމެކާނޯގެ ޕާޓްނަޝިޕް ވަރުގަދައިރު ކަނާތުން ހޫލްސް ކޫންޑޭ އާއި ވާތުން ލޫކަސް ޑީނޭ ދިފާއުކޮށްފައި އެޓޭކަށް އަރާ ވަގުތަކީ ފްރާންސްގެ އެޓޭކް އިހުނަ ވަރުގަދަ ކޮށްދޭ ދަނޑިވަޅުތަކެވެ. މިހެންވެ ފައިނަލަށް ދާން ބޭނުންވާ ހުރިހާ ތަޖުރިބާއެއް ފްރާންސްގައި އެބަހުރިކަމާމެދު ޝައްކެތްނެތެވެ.

އަނެއްކޮޅުން ސްޕޭނަކީ މުބާރާތުގެ ހޮޓް ފެވަރިޓުންނެވެ. ފްރާންސް ފަދައިން އެއީ ވެސް ތަރިންގެ ޓީމެކެވެ. އެކަމަކު އެޓޭކަށްވުރެ ބޮޑަށް ސްޕޭން ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރި މައިގަނޑު ސަބަބަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މީހުންގެ ދިފާއީ ފާރެވެ. ވާތުން މާކް ކުކުރޭޔާ އާއި ކަނާތުން ޕެޑްރޯ ޕޯރޯ އަދި ދެ ސެންޓަރަލް ޑިފެންޑަރުން ކަމަށްވާ އެމެރިކް ލަޕޯޓް އާއި ޒުވާން ޕައު ކުބާސީ އަކީ ސްޕޭނުގެ ހަމަލާތަކާއި ދިފާއުގެ ވެސް އެންމެ މުހިންމު ހަތިޔާރެވެ. އެކަމަކު ފާޑުކިއުންތެރިންގެ ނަޒަރުގައި ގޯލްކީޕަރު އުނާއީ ސިމޮން ޓެސްޓް ކޮށްލެވޭވަރުގެ ބޯޅައެއް މި މުބާރާތުގައި އޭނާއާ ހަމަޔަށް ފޯރާފައި ނުވުމަކީ ފްރާންސް ކަހަލަ އެޓޭކް ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު ދިމާވެދާނެ މައްސަލައެކެވެ. ސަބަބަކީ ސިމޮން ރަނގަޅަށް ވޯމްއަޕްކޮށްލެވުނު ޓީމެއް މިހާތަނަށް ފެނިފައި ނެތުމެވެ. އޭނާކޮޅަށް ގޯލެއް ވަނީ ވެސް ބައިކޮޅަށް ގޯލެއް ނުވަނުމުގެ ރެކޯޑް ހެދި ފަހުންނެވެ. އެއީ 519 މިނިޓަށް ފަހު އެވެ.

މި ފަހަރުގެ މުބާރާތުގައި ސްޕޭނަށް ދިމާވެގެން އުޅޭ މައިގަނޑު މައްސަލައަކީ ޓީމުގެ ތަރިންގެ ފިޓްނަސް ދަށްވުމެވެ. މީގެ ދެ އަހަރު ކުރުން ޔޫރޯ ސެމީ ފައިނަލުގައި ފްރާންސް ބަލިކުރިއިރު ފްރާންސްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކަށްވީ އެ މީހުންގެ ދެ އަރިމައްޗެވެ. ލަމީން ޔަމާލާއި ނިކޯ ވިލިއަމްސްގެ ބާރު ދުވެއްޔާއި އެ މީހުންގެ ކޮށްޓުމާއި ނެއްޓުމުއި ތޫނުފިލިކެމެވެ. އެކަމަކު މި ދެ ކުޅުންތެރިންގެ ވެސް މި މުބާރާތުގައި އަދި ފެންނަނީ ދެ ވަނަ ދަރަޖަގަ އެވެ. މިއީ ފްރާންސަށް ލިބޭ އެޑްވާންޓޭޖަކަށްވާއިރު ދެ ޓީމުގެ ތެރެއިން މެދުތެރޭގައި ވެސް ލީޑް ކުރަނީ ފްރާންސެވެ. އެމީހުންގެ މެދުތެރެ ބަދަލުނުކޮށް ކޯޗު ޑިޑިއޭ ޑެޝޯން ގެންގުޅޭއިރު ސްޕޭނުގެ ކެޕްޓަން ރޮޑްރީގޯ އާއި ޕެޑްރޯގެ ޕާޓްނަރޝިޕް ރޫޅާލައި ފަބިއަން ރުއިޒަށް ކޯޗު ޑެލަފުއެންޓޭ ޖާގަ ދޭން ޖެހުނީ ވެސް މެދުތެރޭގެ ގުޅުން ކުޑަވުމުންނެވެ. ހާއްސަކޮށް އެޓޭކް ކުރާ ވަގުތުގަ އެވެ.

އެކަމަކު މި މެޗުގެ ފަހު ބަޔަކަށްދާއިރު މަޝްރަހު ގޯސްވެދާނެ ހާލަތައް ފްރާންސުން އަބަދުވެސް ވިސްނަންޖެހޭނެ އެވެ. ސަބަބަކީ ސްޕޭނުގެ ބެންޗު ވަރުގަދަވުމެވެ. ހާއްސަކޮށް ބަދަލު ކުޅުންތެރިން މެޗުގެ ނަތީޖާ ބަދަލު ކުރާތީ އެވެ. މިކަމަށް އެންމެ ފަރިތަ މީހަކީ އިނގިރޭސި ކުލަބު އާސެނަލް އަށް ކުޅެމުން އަންނަ މިކޭލް މެރިނޯ އެވެ. ސްޕޭން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފޯވަޑުންނާއި އެޓޭކަރުންނަށް ނުޖެހުނު ގޯލު ޖަހައިދިނީ 32 މިލިއަނަށް އާސެނަލް ގެންދިޔަ މިޑްފީލްޑަރެވެ. މުބާރާތުގައި މިހާތަނަށް އޭނާ ޖެހި ދެ ގޯލު ވެސް ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނުކުތްތާ ކުޑަހިނދުކޮޅެއްގެ ތެރޭގަ އެވެ. މިއީ ފްރާންސުން ވިސްނާ ނުލައި ފަރުވާކުޑަކޮށްލައިފިނަމަ މިރޭގެ މެޗު އަތުން ދޫވެދާނެ ފަދަ ކަމެކެވެ. ކޯޗު ޑެޝޯން އޭނާގެ ކުޅުންތެރިންނަށް ބޯޅަ ލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ގެއްލުނަ ނުދިނުމަށް ކެނޑިނޭޅި އިރުޝާދު ދެމުން އެދަނީ ސްޕޭނު މިފަދަ ކުއްލި ނުރައްކާ ބޮޑުކަމުންނެވެ.

އަނެއްކޮޅުން މުބާރާތުގައި ފްރާންސްގެ ފަހަތުން ހާސްކަން ފެނިގެންދިޔަ އެއް ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ އުޕަމެކާނޯ އެވެ. މަތިން ކުޅެން ފަށައިފިނަމަ އޭނާ ކަންބޮޑުވާކަންކަން ސްޕޭނަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މީގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ކޫންޑޭ އަކީ ފްރާންސް ފަހަތުން ބޯޑު ޖާގައެއް ހުސްކޮށްލައިދޭ ކުޅުންތެރިއެކެވެ.

ކޯޗު ޑެޝޯން މި މެޗަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ބުނީ ސްޕޭނަކީ މުޅި ދުނިޔެ އަށް މިސާލެއް ފަދަ ފުރިހަމަ ޓީމެއް ކަމަށާއި ނަމަވެސް އެ މީހުން ވެސް ބަލި ކުރެވިދާނެކަން އެންމެ ފަހުގެ ނޭޝަން ލީގުން ފެނިގެންދިޔަ ކަމަށެވެ. އޭނާ އިޝާރާތް ކުރީ ސްޕޭން ބަލިކޮށް ޕޯޗުގަލް އެ މުބާރާތުގެ ތަށި ހޯދި ހޯދުމަށެވެ.

އެކަމަކު ކާމިޔާބު ލިބޭނީ ދެ ކޯޗުންގެ ވެސް ނަޒަރުގައި ބޯޅަ ކޮންޓްރޯލް ކުރާ ބަޔަކަށެވެ. މިކަމުގެ އެކްސްޕާޓުންނަކީ ގިނަ ބައެއްގެ ނަޒަރުގައި ސްޕޭނެވެ. އަމިއްލަ އަތުގައި ބޯޅަ ބާއްވަން ފްރާންސުން ބަލާއިރު މިކަން ސްޕޭނަށްވުރެ މޮޅަށް ކުރެވުނު އެހެން ބަޔަކު މިއުޑުދަށަކު ނެތެވެ.