ޚަބަރު

ޓެކް ޑިޕްލޮމަސީ ގްލޯބަލް ފޯރަމް ހުށަހަޅުއްވައިދެއްވީ ނޫރްޢައިން


  • ހެނދުނުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްދެއްވީ ނޫރްޢައިން

  • މިފޯރަމުގައި 1،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރި

ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި މަރުކަޒުގައި ބޭއްވި ދެވަނަ ޓެކް ޑިޕްލޮމަސީ ގްލޯބަލް ފޯރަމް ނޫރްޢައިން ޖަނާޙު ހުށަހަޅައިދީފިއެވެ. ނޫރްޢައިން އަކީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަންގް ގްލޯބަލް ލީޑަރެއްގެ އިތުރުން ކަނޑޫފާ ފައުންޑޭޝަންގެ ފައުންޑަރއެވެ.

"ޓެކްނޮލޮޖީ އޭޒް ސްޓޭޓްކްރާފްޓް: ބިލްޑިންގ ޓްރަސްޓް އިން އަ ފްރެގްމެންޓެޑް އީރާ"، މި ޝިއާރުގެ ދަށުން ބޭއްވި ބައިނަލްއަގުވާމީ ފޯރަމްގައި ޓެކްނޮލޮޖީ ޑިޕްލޮމަސީއާއި، ޑިޖިޓަލް ގަވަރނަންސް އަދި އާޓިފިޝަލް އިންޓެލިޖެންސް އޭއައި ދާއިރާގެ ދުނިޔޭގެ ފުންނާބުއުސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި ތަފާތު ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، އެކަޑީމިއާގެ އިތުރުން ސިނާއީ އަދި މަދަނީ ޖަމިއްޔާތަކުން 1،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ، ޑިޖިޓަލް ސިޔާދަތާއި ޒިންމާދާރު އީޖާދުތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރިއެވެ.

މި ފޯރަމް ހުށަހަޅާދީ، ހެނދުނުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްދެއްވީ ނޫރްޢައިން ޖަނާޙުއެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަންގް ގްލޯބަލް ލީޑަރެއްގެ އިތުރުން ކަނޑޫފާ ފައުންޑޭޝަންގެ ފައުންޑަރ ނޫރްޢައިން ވަނީ ޔުނެސްކޯގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ޑރ. އަބޫ އަމާނީއާއި، ޓެކް ޑިޕްލޮމަސީ ގްލޯބަލް އިންސްޓިޓިއުޓްގެ ރައީސް އަޔޫމީ މޫއަރ އައޯކީގެ ކީނޯޓް ތަގުރީރުތައް ތައާރަފުކޮށްދެއްވައި، މަތީ ފަންތީގެ މަޝްވަރާތައް ވިލަރެސްކޮށްދެއްވާފައެވެ.

މި ޕްރޮގްރާމްގައި މެލޭޝިއާގެ މިނިސްޓަރ އޮފް ޑިޖިޓަލް ގޯބިންދު ސިންހް ޑިއޯއާއި، ޔުނެސްކޯގެ ކުރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ތައުފީޤް ޖެލާސީގެ އިތުރުން، ދުނިޔޭގެ ފުރަތަމަ ޓެކް އެމްބެސެޑަރ ކެސްޕަރ ކްލިންގް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އޮކްސްފޯޑް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޕްރޮފެސަރުންނާއި އޭއައި ދާއިރާގެ މާހިރުން ވަނީ މިހާރުގެ ދުނިޔޭގެ ނިޒާމު ބައްޓަންކުރުމުގައި ޓެކްނޮލޮޖީ ކުންފުނިތަކުގެ ނުފޫޒާ މެދު ބަހުސްކުރައްވާފައެވެ.

ފޯރަމްގެ ތެރެއިން ޔޫއޭއީ ސަރުކާރާއި ގްލޯބަލް ސެންޓަރ އޮން އޭއައި ގަވަރނަންސް ގުޅިގެން، ޒިންމާދާރުކަމާއެކު އޭއައި ތަރައްޤީކުރުން އަވަސްކުރުމަށް އެކުލަވާލި 'އެކްސް ގްލޯބަލް އޭއައި އެކްސެލެރޭޓާސް 5' އިފްތިތާހުކުރިއެވެ. މި ތަޖުރިބާއާ ގުޅޭގޮތުން ނޫރްޢައިން ވަނީ ޓެކްނޮލޮޖީގެ ސަބަބުން ޑިޕްލޮމަސީއާއި، އިގްތިސާދީ ތަރައްގީއާއި، ސަލާމަތާއި ބައިނަލްއަގުވާމީ އެއްބާރުލުން ބައްޓަންވަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

ނޫރްޢައިންއަށް މި ފޯރަމް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވަނީ ޓެކްނޮލޮޖީ ގަވަރނަންސް އާއި ޕަބްލިކް ޕޮލިސީގެ ދާއިރާއިން އޭނާ ކޮށްފައިވާ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ސަބަބުންނެވެ. ނޫރްޢައިންއަކީ 2013 ވަނަ އަހަރުން ފެށިގެން ނިއުޒީލެންޑްގެ ޓެކް އިކޯސިސްޓަމްގައި ހަރަކާތްތެރިވަމުން އަންނަ، އަދި ދާދި ފަހުން 2025 ވަނަ އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމް ޔަންގް ގްލޯބަލް ލީޑަރސްގެ ޝަރަފު ލިބިފައިވާ ބޭކަނބަލެކެވެ.

ކަނޑޫފާ ފައުންޑޭޝަން މެދުވެރިކޮށް ދިވެހި ޒުވާނުންނާއި އަންހެނުންނަށް އެހީތެރިވުމަށް މަސައްކަތްކުރައްވާ ނޫރްޢައިން ވަނީ މިއަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެނުއަލް މީޓިންގގައިވެސް ރަސްމީ ޑެލިގެޓެއްގެ ގޮތުގައިވެސް ބައިވެރިވެފައެވެ. އޭނާގެ މަސައްކަތްތަކުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންގެ ދައުރު ފާހަގަކުރެވެމުންދާކަން މި ފޯރަމުންވެސް ވަނީ ހާމަވެފައެވެ.