ޚަބަރު

ފުޓުބޯޅައިގެ ޢީދުގައި ދިވެހިން ޝާމިލުކޮށްދިނީ ޕީއެސްއެމް: ނައިބު ރައީސް


  • މެޗުތަކުގެ ރޭޑިއޯ ކޮމެންޓްރީ ގެނެސްދީފައިވޭ

  • މުޅި ރާއްޖެއަށް މުޅިން ހިލޭ މެޗުތައް ގެނެސްދީފައިވޭ

ނިމެމުން މިދާ ފުޓުބޯޅައިގެ ބޮޑު ޢީދު، ފީފާ ވޯލްޑް ކަޕުގެ ފޯރިން ދިވެހިން މަހުރޫމުވިޔަ ނުދީ، މި ޢީދުގައި ދިވެހިން ޝާމިލުކޮށްދިނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކަމަށާއި، މިއީ ޝުކުރު ހައްގު މަސައްކަތެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ވޯލްޑް ކަޕް ކަވަރޭޖް 2026ގައި ހަރަކާތްތެރިވި ޕްރެޒެންޓަރުންނާއި އެނަލިސްޓުން އަދި ކޮމެންޓްރޭޓަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ޕީއެސްއެމް ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވަނީ، މެޗުތަކަށް ޙާއްސަކޮށް ޕީއެސްއެމް އިން ގެނެސްދޭ ޝޯވތައް މެދުވެރިކޮށް، މުހިންމު އައު މައުލޫމާތުތަކެއް އެމަނިކުފާނަށާއި ދިވެހި ރައްޔިތުންނަށްވެސް އެނގިގެންދާ ކަމަށެވެ.

"
މިސާލަކަށް، އަޅުގަނޑުމެންނަށް އެބަ އެނގޭ ސްޕެއިންގެ ވަކިވަކި ކުޅުންތެރިންގެ ނަންތަކާއި އެ ކުޅުންތެރިން ކުޅޭ މަގާމުތައް. އެހެންނަމަވެސް މެޗެއްގައި އެ ކުޅުންތެރިން ތައްޔާރުކުރުމުގައި ކޯޗު ގެންގުޅޭ ވިސްނުންތަކާއި އެ ދުވަހަކަށް، (މިސާލަކަށް) ފްރާންސާ ދެކޮޅަށް ބޭނުންކުރާނެ ޓެކްޓިކްސްތަކާއި އެމްބާޕޭ ލައްވާ ގޯލް ޖަހަން ކޯޗު ބޭނުންވާނެ ގޮތްތަކާ. މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގިގެން މިދަނީ އެރޭ އޮންނަ ޕްރީ ޝޯވތަކުގައި އަޅުގަނޑުމެންގެ މި އެނަލިސްޓުން އަޅުގަނޑުމެންނަށް މި ފޯރުކޮށްދޭ މައުލޫމާތު ތަކުން. އޭގެ ސަބަބުން އޮފިސްތަކުގައި އާއި އާއިލާތަކުގެ މެދުގައި މެޗުގެ ސްކޯ ޕްރިޑިކްޓުވެސް މިކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް

ނައިބުރައީސް ވަނީ، މި މަސައްކަތަކީ ޕްރެޒެންޓަރުންނާއި އެނަލިސްޓުން ވަރަށް ގިނަ، ބުރަ މަސައްކަތްތަކެއް ކޮށްގެން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ މައުލޫމާތުތަކެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ދިވެހިންނާ ހަމައަށް ޕީއެސްއެމްއިން ގެނެސްދިން ކަވަރޭޖުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރި ބަޔަކީ ޕްރެޒެންޓަރުންނާއި އެނަލިސްޓުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.

ޕީއެސްއެމްއިން މިފަހަރުގެ މުބާރާތް ދިވެހިންނާ ހަމައަށް ވީހާވެސް ފުރިހަމައަށް ގެނެސްދިނުމަށް ކުރި މަސައްކަތުގައި، އައު ކަންތައްތަކާއި، ހުރިހާ އުމުރެއްގެ، ހުރިހާ ދިވެހިންނަށް މި ޢީދުގައި ބައިވެރިވޭނެ މަގު ފަހިކޮށްދިނުމަށް ޙާއްސަ އިސްކަމެއް ދީފައިވެއެވެ.

އެގޮތުން އެންމެ ޙާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މުޅިން އަލަށް، ދިވެހިރާއްޖޭގެ އަޑުން މި މުބާރާތުގެ މެޗުތަކުގެ ލައިވް ކޮމެންޓްރީ ދިވެހި ބަހުން ގެނެސްދިނުމެވެ. މިކަން ވެގެންދިޔައީ، ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ވެސް މި ޢީދުގެ އުފާ ލިބިގަތުމުގައި މުހިންމު ހިއްސާއަކަށެވެ.

މިކަމަށް ރިޢާޔަތްކުރައްވައި ނައިބުރައީސް ވަނީ، މިގޮތަށް، މިހާ ފުރިހަމައަށް، ހުރިހާ ގޮތަކަށް ވިސްނައިގެން ކަވަރޭޖް ގެނެސްދިނުމަށް ޕީއެސްއެމް އިން ކުރި މަސައްކަތަކީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

"
މި ޢީދުގައި އަޅުގަނޑުމެން ހުރިހާ އެންމެން ޝާމިލުވެ، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން، ފެނުމުން މަޙުރޫމްވެފައިވާ ފަރާތްތައްވެސް ހިމެނޭހެން، އަޅުގަނޑުމެން ހުރިހާ ދިވެހިންނަށް މި ފުރުސަތު މިފަހަރު ފަހިކޮށްދެއްވީތީވެ ތިބޭފުޅުންނަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަން އަދި ޕީއެސްއެމްގެ ހުރިހާ މުވައްޒަފުން މިކަމުގައި ބައިވެރިވެ ތި ކުރެއްވި މަސައްކަތަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ ދުނިޔޭގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ މުބާރާތް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމްއިން ކުރި މަސައްކަތުގައި ގެނެސްދިން މެޗު ކަވަރޭޖްތަކުގައި ހަތް ޕްރެޒެންޓަރުން ބައިވެރިވިއެވެ. އަދި އެނަލިސްޓުންގެ ގޮތުގައި 11 ބޭފުޅަކު ފެނިގެންދިޔައެވެ.

މި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި މި ޙާއްސަ ރަސްމިއްޔާތުގައި، އެ ފަރާތްތަކަށް ވަނީ ޙާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބުރައީސް އެވެ.