ޚަބަރު

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ރޫހު މިޓީމުގައި އެބައޮތް: ސްޕެއިންގެ ކޯޗު


  • ސްޕެއިން އިން ފަރަންސޭސީން ބަލިކުރީ 2 ލަނޑު ސުން ލަނޑުން

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން ޤައުމީ ޓީމުގައި އޮތް މޮޅުވުމުގެ ރޫހު މިފަހަރުގެ ޓީމުގައި އެބައޮތް ކަމަށް ސްޕެއިން ޤައުމީ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ އެއް ޓީމުކަމަށްވާ ފަރަންސޭސިވިލާތާއި ބައްދަލުކޮށް 2 ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޑެ ލަ ފުއެންޓޭ ބުނީ މިމެޗަށް ނިކުންއިރު އޭނާގެ ކުޅުންތެރިންނަށް ދިން މެސެޖަކަށް ވެގެންދިޔައީ އެޓީމު ނިކުންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން އެއް ޓީމާއި ދެކޮޅަށް ކަމަށާއި ނަމަވެސް މިމެޗުގައި ފަރަންސޭސީން އެބައްދަލުކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމާކަންކަމަަށެވެ. ސްޕެއިންގެ ކޯޗު ބުނީ ފަރަންސޭސިވިލާތް ކަހަލަ ޓީމެއް ބަލިކުރާނަމަ ގެންގުޅެންޖެހޭނީ އެވިސްނުންކަމަށެވެ. ޑެ ލަ ފުއެންޓޭ ބުނީ އޭނާ އަށް އަބަދުވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަކީ ސްޕެއިންގެ ކުޅުންތެރިން ކަމަށާއި އެއީ އެކުޅުންތެރިން ފުޓްބޯޅަ މާނަކުރާގޮތުން ކަމަށެވެ. އެކުޅުންތެރިންނަކީ މެޗުގެ ހުރިހާ މަރުހަލާއެއްގައި އަމަލުކުރަންވީގޮތް އެންމެ ރަނގަޅަށް އެނގޭނެ ކުޅުންތެރިންކަމަށެވެ. އެހެން ކަމުން މިއީ ސްޕެއިންގެ ފުޓްބޯޅައަށް، ސްޕެއިންގެ ކޯޗުންނަށް އަދި ސްޕެއިންގެ ކްލަބް ތަކާއި ޓީމުތަކަށް ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. ޑެ ލަ ފުއެންޓޭ އިތުރަށް ބުނީ މިޓީމަކީ މިވަރުން ފުއްދާލާނެ ޓީމެއް ނޫން ކަމަށާއި އެއީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ މިފަހަރުގެ މަޤްސަދުކަން ހުރިހާ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ.

ޑެ ލަ ފުއެންޓޭ ބުނީ ފައިނަލްގައި އޭނާ އެންމެ ބައްދަލުކުރަން ބޭނުންވަނީ އާޖެންޓީނާ އާ ކަމަށާއި އެއީ އޭނާ އާއި އާޖެންޓީނާ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ އާއި ދެމެދު އޮންނަ ގާތް ރަހްމަތްތެރިކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާ އިންގްލަންޑް ޓީމަށްވެސް އޭނާގެ ހިތުގައި ހާއްސަ އިހްތިރާމެއް އެބައޮތް ކަމުގައިވެސް އޭނާ ބުންޏެވެ. އަދި އިންގްލަންޑަކީ މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެކަމަށް އޭނާ ގަބޫލްކުރާ އެއް ޓީމުކަމުގައިވެސް ސްޕެއިންގެ ކޯޗު ހާމަކުރިއެވެ. އެހެން ކަމުން މިސެމީފައިނަލް މެޗުވެސް ވެގެންދާނީ ވަރަށް ދާވަވެރި އަދި ކުޅިބެލުންތެރިން ބަލާހިތްވާ މެޗަކަށް ކަމާމެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ. އަދި ކޮންމެ ޓީމެއް ފައިނަލަށް ދަތުރު ކުރި ނަމަވެސް ސްޕެއިން އޮންނާނީ އެޓީމަކާއި ބައްދަލުކުރުމަށް ތައްޔާރަށް ކަމަށްވެސް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ އިތުރަށް ބުނިގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރުމަކީ އޭގެ ޒާތުގައިވެސް ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި އެހެން ކަމުން އެކަމާއި އޭނާގެ އިތުރުން މުޅި ޓީމުވެސް އުފާކުރާކަމަށެވެ. އަދި ފައިނަލްގައި މޮޅުވާނީ ކޮންމެވެސް އެއް ޓީމެއް ކަމަށާއި އެހެންކަމުން މިހާހިސާބަށް މިކުރެވުނު ދަތުރުގެ މުހިންމުކަން މިޓީމުން އަބަދުވެސް ފާހަގަ ކުރާނެކަމަށެވެ. އަދި ވޯލްޑް ކަޕެއްގެ ފައިނަލަށް ދަތުރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ކަމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެގޮތުގައި އޭނާ ފާހަގަ ކުރިއެވެ.