ޚަބަރު

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއަޅައިފި


  • މިހާރު ކުރަމުންދަނީ ޕާކިން ޒޯނުގެ މަސައްކަތްތަކާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް

  • މަސައްކަތްކުރަނީ މިމަހުގެ 26އަށް މަގުގެ މަސައްކަތް ނިންމާލުމަށް

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގައިވެސް ތާރުއަޅައިފިއެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލުން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި މިމަހުގެ 8ވަނަ ދުވަހު ވަނީ ތާރުއަޅާފައެވެ. އަދި އެ ސަރަޙައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ރޭވަނީ ތާރު އަޅާފައެވެ. އެމްޓީސީސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތައްކަމަށެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދާ ސަރަޙައްދަކީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލޭގެ ބާޒާރު އަދި އަމިއްލަ ގިނަ ބައެއްގެ އޮފީހާއި ވިޔަފާރިތައް ހުންނަ މާލޭގެ ކާރޫބާރު ބޮޑު ސަރަޙައްދެކެވެ. އެހެންކަމުން މި މަޝްރޫޢުގެ ތެރެއިން ބޭންކް އޮފް ސިލޯން ކުރިމަތީގައި ސައިކަލް ޕާކުކުރުމަށް 588 ސްލޮޓުގެ ޕާކިންއެއް ތަރައްޤީކުރުމަށް ނިންމާ، ހަލުވި ދުވެއްޔެއްގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްޓީސީސީން ވިދާޅުވީ، މިމަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ޕާކިން ޒޯނު ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތްތައްކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.