ޚަބަރު

ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް


  • މިހާރު ގުޅިފަޅަށް ނުގޮސް ލިޔުން ލިބޭނެ

  • މީގެ ކުރިން ލިޔުން ހަވާލުކުރަނީ ގުޅިފަޅުގައި

  • މިޕޯޓަލް މެދުވެރިކޮށް ގޯތި އޮތް ސަރަހައްދާއި ގޯތީގެ މިހާރުގެ ހާލަތު ބަލާލެވޭނެ

ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލިބޭނެ އިންތިޒާމް ބިނާރާއި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ.

މީގެ ކުރިން ގޯތި ހަވާލުކުރުމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެން ނަމަވެސް މިހާރު އެތަނަށް ނުގޮސް ޕޯޓަލް މެދުވެރިކޮށް މިލިއުން ލިބޭނެ އިންތިޒާމް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ހިޔާވަހި ޕޯޓަލްއިން މިލިޔުން ލިބުމުގެ އިތުރުން މިޕޯޓަލް މެދުވެރިކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ގޯތި އޮތް ސަރަހައްދާއި ގޯތީގެ މިހާރުގެ ހާލަތު ބަލާލުމުގެ ފުރުސަތުވެސް ފަހިވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޕޯޓަލް އިން ގޯތީގެ ލިޔުން ހޯދުމަށް އަމަލުކުރަންވީ ގޮތް:

* ހިޔާވަހި ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުން
* ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން" މިބަޔަށް ޒިޔާރަތްކުރުން
* ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލް ފެންނަން ހުންނާނެ. އަދި "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މިބައިން ޑައުންލޯޑް ކުރެވޭނެ
* ގޯތި ހަވާލުކުރިކަމުގެ ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމަނާފައިވާނެ. މިކޯޑް ސްކޭން ކުރުމުން ނުވަތަ ލިންކަށް ފިތާލުމުން ގޯތި އޮތްތަން މެޕުން ފެންނާނެ

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ އެމަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގުޅިފަޅުން 7 ސައިޒެއްގެ 3520 ގޯތި ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.

ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:

1250 އަކަފޫޓުގެ 669 ގޯތި
1650 އަކަފޫޓުގެ 1234 ގޯތި
2050 އަކަފޫޓުގެ 916 ގޯތި
2450 އަކަފޫޓުގެ 473 ގޯތި
2850 އަކަފޫޓުގެ 158 ގޯތި
3250 އަކަފޫޓުގެ 49 ގޯތި
3650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިންވަނީ ބަދަލުގެނެސްފައެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށްވެސް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.