ޚަބަރު

"ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރާނަމަ ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ"


  • އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ގާއިމުކުރީ އެ ޚިދުމަތްތަކަށް ރައްޔިތުން މެދުކެނޑުމެއްނެތި އެދެމުންދާތީ

  • ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ވިއްކަންޖެހޭ އަދަދު އިތުރުވުމުން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާމަށް ވިދާޅުވި

ބީއެމްއެލްގައި ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރާނަމަ، ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ އިޤްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއްކަމަށެވެ. ބީއެމްއެލްއާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކުން ބޭންކަށާއި، ރާއްޖޭގެ އިޤްތިސާދަށް ފޫނުބެއްދޭވަރު ގެއްލުންލިބުން އެކަށީގެންވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، އެ ބޭންކުގައި ރައްޔިތުންނަށް އެހީވުމުގެ ގާބިލުކަން ނެތްކަމަށާއި، ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުމަކީ ބޭކާރު ޚަރަދެއްކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބީއެމްއެލްއިން ބައިވެރިވެގެން ނުވާނެކަމަށްބުނެ ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދަނީ ވާހަކަ ފަތުރަމުންނެވެ.

ބީއެމްއެލްގައި ޑޮލަރު ނެތްކަމަށްބުނެ ފަތުރާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021ވަނަ އަހަރު ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 21 މިލިޔަން ކަމަށެވެ. އެއާ ޚިލާފަށް މިއަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ވިއްކަމުންދާކަމަށް ވިދާޅުވިއެވެ.

ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކަންޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ 6 މަހަށް ބަލާއިރު ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި މުއްދަތުގައި. ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 2021ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކު 21މިލިޔަން ޑޮލަރު. މިއަހަރު މިދަނީ 80 މިލިޔަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން". ޝަރީފް ވިދާޅުވިއެވެ.

ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަކީ ބޭކާރު ޚަރަދެއްކަމަށްބުނެ ފަތުރާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ބްރާންޗުތަކާއި، އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ގާއިމުކުރީ އެ ޚިދުމަތްތަކަށް ރައްޔިތުން މެދުކެނޑުމެއްނެތި އެދެމުންދާތީކަމަށެވެ.

"ރަށްރަށުގައި އޭޓީއެމްތަކާއި ބްރާންޗުތައް ގާއިމުކުރީ އެރަށްރަށުގެ ރައްޔިތުން މެދުނުކެނޑި އެ ޚިދުމަތްތައް ބޭނުންވާކަމަށް ބުނަމުންދާތީ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ތިބޭ ފަރާތްތަކަށްވެސް ބޭންކިންގެ ޚިދުމަތްތައް ލިބެންޖެހޭ. އެއީ ބޭކާރު އިންވެސްޓްމެންޓެއްނޫން. އެއީ ބޭންކުގެ ޒިންމާއެއް." ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ބޭންކުން މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ 6 މަހު އެކަނިވެސް 8 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.