ޚަބަރު

ތައިލެންޑުން ދިވެހިންނަށް ވިސާގެ ލުއިތަކެއް


  • ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނީ 59 ގައުމެއްގެ ރައްޔިތުންނަށް

  • މި ބަދަލަށް ޢަމަލުކުރަންފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުން

ދިވެހިންނަށް ވިސާގެ ލުއިތަކެއް ދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.

2024ވަނަ އަހަރު ތައިލެންޑުން ތައާރަފްކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ވަރުގަދަކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ ގޮތަށް ނިންމީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ގޮސްފައިވާތީއެވެ.

ވިސާއާއި ނުލައި މީގެ ކުރިން ދިވެހިންނަށް ވެސް 60 ދުވަށް ތައިލެންޑުގައި ތިބެވުނު ނަމަވެސް އެ ނިންމުމާއެކު ރާއްޖެއަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

އެގައުމުގެ ވަޒީރުންގެ މަޖިލީހުން މީގެ ކުރިން ނިންމާފައިވަނީ 93 ގައުމަކަށް ދީފައިވާ 60 ދުވަހުގެ ވިސާ ފްރީ މުއްދަތު އުވާލުމަށެވެ. މިގޮތަށް ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީއެވެ.

އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވެވޭނީ 59 ގައުމެއްގެ ރައްޔިތުންނަށެވެ. މިއާއެކީ ޖުމްލަކޮށް ވިސާގެ އިތުރު ލުއި 6 ގައުމަކަށް ލިބެއެވެ. އެއީ ރާއްޖެ، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާގެ އިތުރުން މޯލްޓާއެވެ.

ތައިލެންޑުން ވިސާގެ އުސޫލަށް ގެނައި މި ބަދަލުތަކަށް ޢަމަލުކުރަންފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.