ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރު އެބަހުރި ކަމަށާއި، މި އަހަރު ފުރަތަމަ ހަމަސް ދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
"ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވީ، 2023ގެ ނިޔަލަށް ޑޮލަރުން ދޫކޮށްފައިވާ ލޯނަށްވުރެ 2 ގުނަ އިތުރަށް މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން ވިޔަފާރިތަކަށް، ޚާއްސަކޮށް ރާއްޖޭގެ އިޤްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ޑޮލަރުން ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ލޯނުގެ ޢަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.
މި ތަފާސްހިސާބުތަކަށް އިޝާރަތް ކުރައްވާ ޝަރީފު ވިދާޅުވީ، 2021 އިން 2023ގެ ނިޔަލަށް ޑޮލަރުން ލޯނު ދޫކޮށްފައިވަނީ ޖުމްލަ 249 މިލިއަން ޑޮލަރު ކަމަށެވެ. އަދި 2024 ގައި އިތުރަށް 142 މިލިއަން ޑޮލަރު، 2025 ގައި އިތުރަށް 284 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކަނިވެސް އިތުރަށް 226 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، މި އަހަރުގެ ވޭތުވެދިޔަ 6 މަސް ދުވަހަށް ބަލާއިރު މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވާ މުއްދަތު ކަމަށެވެ. މިގޮތުން ކާޑުގެ މުޢާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ތަޢުލީމު އަދި ބޭސްފަރުވާގެ ކަންތައްތަކަށާއި، ފުރާ މީހުންނަށް ވިއްކާ ނަގުދު ފައިސާއާއިއެކު ބޭންކުން ޑޮލަރު ވިއްކި ޢަދަދަކީ 2021 ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކު 21 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ. އަދި މީގެ ދެ އަހަރާއި ބައިއަހަރު ކުރިން 2023 ގައި މިއަދަދު ހުރީ 37 މިލިއަން ޑޮލަރުގައި ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
"މިއަހަރު މިދަނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން. މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވަނީ، 2020 ވަނަ އަހަރުގެ ސެޕްޓެންބަރުން ފެށިގެން ޑެބިޓުކާޑުގެ މުޢާމަލާތް ކުރުމަށް ހުރިހާ ކަމަކަށް ކަނޑައަޅާފައިވާ 250 ޑޮލަރު، 2025 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން ރާއްޖެއިން ބޭރުގައި ޚިދުމަތަށާއި ތަކެއްޗަށް އަގު ދެއްކުމަށް 1000 ޑޮލަރަށް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދަތުރު ޓިކެޓް ގަތުމަށާއި، ހޮޓަލަށް ފައިސާ ދެއްކުމަށާއި، ބޭސްފަރުވާއަށް 3000 ޑޮލަރު ބޮޑުކޮށް، އެ ޚިދުމަތް މިއަދާއި ހަމައަށް ދެމުން އަންނަކަންވެސް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ފާހަގަކުރެއްވިއެވެ.