ޚަބަރު

ބީ-1 ބޯޓުތައް އިނގިރޭސިވިލާތުން ގެންދިޔައީ އިރާނުގެ ހަމަލާއެއްގެ ބިރަށް


އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ފެއާފަރޑްގައި ހުރި އެމެރިކާގެ އަސްކަރީ ބީ-1 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތައް އެ ތަނުން ބާލާފައި ވަނީ، ބަޔަކާ ގުޅިގެން އީރާނުން އެ މަރުކަޒަށް ޑްރޯން ހަމަލާތަކެއް ދޭން ރާވާކަމުގެ ތުހުމަތާ ގުޅިގެން ކަމަށް ނަން ހާމަކޮށްފައިވާ ނުވާ އެމެރިކާގެ އިސް ދެ އޮފިޝަލަކު ކަށަވަރުކޮށްދެއްވައިފިއެވެ. ނަމަވެސް، އެމެރިކާގެ ބޯޓުތައް ވިލާތުގައި ޢާންމުކޮށް ބޭނުންކުރާ އާރްއޭއެފް ފެއާފަރޑް މަރުކަޒުގައި ހިންގަން އުޅުނު ކަމަށް ބުނާ މި އަމަލުގައި އެއްވެސް ވަރަކަށް ބައިވެރިވެފައިނުވާނެ ކަމުގައި އީރާނުން ވަނީ ބުނެފައެވެ. އަދި، އެ މަރުކަޒަށް ދޭން އުޅުނު ކަމަށް ބުނާ ހަމަލާތައް ރޭވިކަމުގެ ތުހުމަތު ވެސް އީރާނުން ވަނީ ދޮގުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ލަންޑަނުން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފައިވެއެވެ. އެއީ، އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި މީގެ ކުރިން ފަސް ފިރިހެނަކު ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް، ކަފާލާތުގެ ދަށުން އެ މީހުން ވަނީ މިނިވަން ކޮށްފައެވެ.

އެމެރިކާ އަސްކަރިއްޔާގެ ޔޫރަޕިއަން ކޮމާންޑްގެ ތަރުޖަމާނަކާ މި ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަދައްކަން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި، ޖާސޫސީ މަޢުލޫމާތާ ގުޅޭ ކަންކަމުގައި ވާހަކަދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ޚާއްސަ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަނުދައްކާނެ ކަމަށް ވެސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ އޮފިޝަލު ވިދާޅުވެފައިވެއެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ ބީ-1، ބީ-2 އަދި ބީ-52 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ވެސް ހަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓުތަކެއް ކަމުގައި އެ އޮފިޝަލު ވިދާޅުވިއެވެ. އަދި، އެ ކަން މީގެ ކުރިން ހިންގާފައިވާ އަސްކަރީ އޮޕަރޭޝަންތަކުގައި ހާމަކޮށްދީފައިވާނެ ކަމުގައި ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.