މުޅިން އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށް، ލ.ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވީ ލ. ހިތަދޫގައި ބޭނުންކުރަމުން ދިޔަ ޖެންސެޓަކަށް މައްސަލައެއް ދިމާވެ، އިއްޔެގެ ހަވީރުގައި ވަގުތެއްގައި އެރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުކަމަށެވެ. މައްސަލަ ދިމާވީ އެރަށަށް ކަރަންޓު ދިނުމަށް ހިނގާފައިހުރި 2 ޖެންސެޓްގެ ތެރެއިން 600 ކޮލޯވޯޓުގެ ޖެންސެޓަށް މައްސަލައެއް ދިމާވުމުގެ ސަބަބުން ލޯޑެއް ބޮޑުވެގެންކަމަށް ފެނަކައިން ވިދާޅުވިއެވެ.
މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މެނެޓުގެ ތެރޭގައި ބާކީ ހުރި އިންޖީނު ހިންގައި ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓު ޚިދުމަތްދޭން ފެށިކަމަށް ފެނަކައިން ވިދާޅުވިއެވެ. މައްސަލައަށް ހައްލުގެނައުމަށް މެދުނުކެނޑި ކުރެވުނު މަސައްކަތްތަކުން 600 ކިލޯވޯޓުގެ އައު ޖެންސެޓެއް އިންސްޓޯލްކޮށް މުޅި ރަށައް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.
އަލަށް އިންސްޓޯލްކުރި ޖެންސެޓަކީ ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ކުރެވޭ ޚާއްސަ މަސައްކަތުގެ ތެރެއިން އަލަށް ފެނަކައިން ގެނައި ޖެންސެޓްތަކުގެ ތެރެއިން އެރަށައް ގެންގޮސްފައިވާ ޖެންސެޓެއްކަަމަށެވެ. އެގޮތުން އެ ޖެންސެޓް އިންސްޓޯލްކުރުމާއެކު ލ. ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުތު ދަތިކަމެއް ނެތްކަމަށް ފެނަކައިން ވިދާޅުވިއެވެ.