ކުޅިވަރު

މޮޅުވުމުން އާޖެންޓީނާގެ ކުޅުންތެރިން ދައްކާލީ ސިޔާސީ ބެނާއެއް


އިނގިރޭސިވިލާތް 2-1އިން ބަލިކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަށްފަހު ދިފާއީ ޗެމްޕިއަން އާޖެންޓީނާއިން ސިޔާސީ ބެނާ އެއް ދައްކާލައިފި އެވެ.

މި ބެނާގައި ލިޔެފައި އޮތީ ފޯކްލޭންޑަކީ އަހަރުމެންގެ ތަނެއް ކަމަށެވެ. މިއީ އާޖެންޓީނާއާ 300ހާ މޭލު ދުރުގައިވާ ފޯކްލޭންޑްގެ ސިޔާދަތީ ބާރުވެރިކަން ހޯދުމަށް އިނގިރޭސިން 1982 ވަނަ އަހަރު ކުރި ހަނގުރާމައަށް ނިސްބަތްކޮށްފައިވާ ބެނާއެކެވެ. މިތަން މިހާރު ވެސް އޮތީ އިނގިރޭސިންގެ ބެލުމުގެ ދަށުގަ އެވެ.

މި ބެނާ ދަނޑުމަތީގައި އެންމެ ފުރަތަމަ ގެންގުޅުނީ އާޖެންޓީނާގެ ލެސޮލްސޯ އާއި ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް އެވެ. އޭގެ ފަހުން ކެޕްޓަން ލަޔޮނަލް މެސީ ވެސް ހިމެނޭހެން ގިނަ ކުޅުންތެރިންތަކެއް މި ނެނާގެ ކުރިމަތީގައި ތިބެ ސަޕޯޓަރުންނާއެކު އުފާފާޅޫ ކުރި އެވެ. ނަމަވެސް މިއީ ކޮންތާކުން ކުޅުންތެރިން ހޯދި ބެނާއެއް ކަމެއް ނޭނގެ އެވެ.

މިއީ ފީފާ ވޯލްޑް ކަޕުގެ ގަވާއިދުތަކުން މަނާކަމެކެވެ. ހާއްސަކޮށް ސްޓޭޑިއަމާ ބެހޭ ގަވާއިދުގައިވާ ގޮތުން ދަނޑަށް ސިޔާސީ މެސެޖްތައް ވެއްދުމާއި ނަސްލީގޮތުން ދިމާކުރުމާއި ދުންފަތުން އިސްތިއުމާލު ކުރުން ފަދަ ކަންކަން ކުރުމަކީ މަނާކަމެވެ. މިހެންވެ މިކަމާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނަށް ނުވަތަ ކުޅުންތެރިންނަށް އަދަބު ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ބޮޑަށް ގާތީ ޖޫރިމަނާ ކުރުމެވެ.

އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި އާޖެންޓީނާ ތަށި ދިފާއު ކުރަން ނުކުންނާނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕޭނާ ދެކޮޅަށެވެ.