ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ބޭއްވެވި ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުން ނިންމެވި ނިންމެވުންތައް ބާޠިލުކަމަށް ކަނޑައަޅައިދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައިކޯޓްގައި އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިގޮތަށް އެދިވަޑައިގެންފައިވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރެއްވުމަށް ސިވިލްކޯޓުން މިދިޔަ އާދިއްތަދުވަހު ކުރެއްވި ހުކުމް ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޕީއެމްގެ އާއްމު މެމްބަރަކު ހުށައެޅުއްވި މައްސަލާގައި މިއަދު ބޭއްވި ޝަރިޢަތުގެ އަޑުއެހުމުގައެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވީ ސިވިލްކޯޓުން ނިންމަވާފައިވާ ނިންވެމުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޕީޕީއެމްގެ އަސާސީ ޤަވައިދާއި ހިންގާ ޤަވައިދާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ. އަދި ދަށުކޯޓުން މައްސަލަ ނިންމަވާފައިވަނީ ދައުވާކުރެއްވި ފަރާތުން އެދިފައިނުވާ ކަންތައްތަކެއްގެމައްޗަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ވަގުތީ އަމުރެއް ނެރެދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ސިވިލްކޯޓުގެ ނިންމެވުން ތަފީޒުކުރުން ފަސްކުރުމަށާއި އެ ނިންމެވުމުގެ ދަށުން ރައީސް ޔާމީން އިސްވެ ބޭއްވެވި ކައުންސިލްގެ ނިންމެވުންތައް ބާޠިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް ރައީސް މައުމޫނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫނާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ދެ މެމްބަރުންގެ ޤާނޫނީ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ ދަށުކޯޓުން މައްސަލަ ނިންމަވާފައިވަނީ އެ ފަރާތުން އެދިވަޑައިގެންކަންކަމުގެ މައްޗަށްކަމަށެވެ.
އެގޮތުން ޕާޓީގެ ކައުންސިލް ބައްދަލަވުންތައް ނުބާއްވަވައި، ރައީސް މައުމޫނު އެ ޕާޓީ ހުއްޓުމަކަށް ގެންނަވާފައިވާކަމަށް އެނާ ވިދާޅުވިއެވެ.
މި މައްސަލާގެ ތެރެއަށް ޕީޕީއެމް ވަނުމަށް ކޯޓުން މިއަދު ފުރުސަތު ދެއްވާފައިވެއެވެ. އެ ފުރުސަތުގައި ކޯޓްގައި ޕީޕީއެމް ތަމްސީލު ކުރައްވާފައިވަނީ ރައީސް ޔާމީން އިސްވެ އިންނެވި ކައުންސިލުން ޕާޓީގެ ސެކެރެޓަރީ ޖެނެރަލްކަމަށް އައްޔަންކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ހަލީލެވެ. ޕީޕީއެމްގެ ފަރާތްތުން ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ޤާނޫނީ ވަކީލް އިބްރާހިމް ސިރާޖް ވިދާޅުވީ ޕާޓީގެ އަސާސީ ޤަވައިދުގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މަހަކު ދެ ފަހަރު ބާއްވަންޖެހޭނެކަމަށް ބުނި ނަމަވެސް ރައީސް މައުމޫން އެ ގޮތަށް ކަންކުރައްވާފައިނުވާކަމަށެވެ. އަދި ކައުންސިލްގެ ބައްދަލުވުމެއް ބާއްވަވާ ދެއްވުމަށް އެދި ބައެއް މެމްބަރުން ސިޓީއަކުން ދެންނެވުމުންވެސް އެކަމަށް މައުމޫން އިޖާބަދެއްވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުން ރައީސް މައުމޫންގެ ޤާނޫނީ ވަކީލާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައިވެއެވެ.
އެގޮތުން ދަށުކޯޓްގައި ކުރިޔަށް ދިޔަ މައްސަލައަށް ހާޒިރުވާން ފޮނުވި ޗިޓްތަކަށް ކޯޓަށް ހާޒިރުނުވީ ކީއްވެތޯއާއި، ޕާޓީގެ ނައިބު ރައީސް އަބްދުއްރަޙީޟް އަބްދުއް ﷲ ޕާޓީން ވަކިކުރީތޯއާއި، ކައުންސިލް ބައްދަލުވުންތައް ބާއްވަމުން ގެންދެވިތޯ ސުވާލުކުރައްވާފައިވެއެވެ. އަދި އެސުވާލުތަކުގެ ޖަވާބު ރައީސް މައުމޫނުގެއަރިހުން ހޯއްދެވުމަށް އަންގަވާފައިވެއެވެ. މި މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހު ބާއްވާނެކަން އިއުލާންކުރެއްވުމަށްފަހުއެވެ.