ޚަބަރު

ވޯލްޑް ކަޕް 1958 ގެ ފައިނަލްގައި ޕެލޭ ބޭނުންކުރި ޖަރޒީ 4.9 މިލިއަން އެމެރިކާ ޑޮލަރަށް ވިކިއްޖެ


  • މިއީ ދެވަނައަށް އެންމެ އަގުބޮޑުކޮށް ވިކުނު ޖަރޒީ

1958 ވަނަ އަހަރު ސްވިޑްންގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބްރެޒިލްގެ ތަރި ޕެލޭ ބޭނުންކުރި ނޫ ކުލައިގެ ޖަރޒީ 4.9 މިލިއަން އެމެރިކާ ޑޮލަރަށް ވިކިއްޖެއެވެ.

މިޖަރޒީ ވިކިފައިވަނީ ސޮދަބީސް އިން ބޭއްވި އޯކްޝަނެއްގައެވެ. އަދި މިއާއެކު މިޖަރޒީ ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިކިގެންދިޔަ ޕެލޭގެ އައިޓަމްގެގޮތުގައެވެ. އަދި ދެވަނައަށް އެންމެ އަގުބޮޑުކޮށް ވިކިގެންދިޔަ ޖަރޒީގެގޮތުގައެވެ.

މަޢުލޫމާތުލިބޭގޮތުގައި ސޮދަބީސްއިން ވިއްކާލި ބްރެޒިލްގެ 10 ނަމްބަރު ޖަރޒީއަކީ ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 17 އަހަރުގެ އެޑްސަން އަރަންޓޭސް ޑޮ ނަސިމެންޓޯ 1958 ވަނަ އަހަރުގެ ޖޫން 29 ވަނަ ދުވަހު ސްޓޮކްހޯމްގެ ރަސުންޑާ ސްޓޭޑިއަމްގައި މުބާރާތް ބާއްވާ ޤައުމު ސްވިޑްން އާއި ދެކޮޅަށް ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ބޭނުންކުރި ޖަރޒީއެވެ. ބްރެޒިލް އިން 5 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށް ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު ޕެލޭވަނީ އެމެޗުގައި 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަަށެވެ. މިރިކޯޑް އަދިވެސް ވަނީ އެހެން ކުޅުންތެރިޔަކަށް މުގުރާލެވޭގޮތް ނުވެފައެވެ.

ޕެލޭގެ މިޖަރޒީ ގަތުމަށް ހުޅުވާލި ފުރުސަތުގައި ސޮދަބީސްއަށްވަނީ 10 ބިޑެއް ލިބިގެން ގޮސްފައެވެ. އަދި އެ ބިޑް ތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަށް މިޖަރޒީ ވިއްކާފައިވަނީ ނިއުޔޯކްގައި ބޭއްވި ސޮދަބީސްގެ ސްޕޯޓްސް ވީކްގެ ތެރެއިންނެވެ. މިހާތަނަށް އެންމެ އަގުބޮޑުކޮށް އޯކްޝަނެއްގައި ވިކިފައިވާ ޖަރޒީއަކީ 1986 ވަނަ އަހަރު އާޖެންޓީނާގެ ތަރި ޑިއެގޯ މެރެޑޯނާ ބޭނުންކުރި ހޭންޑް އޮފް ގޯޑްގެ ނަމުން މަޝްހޫރުވެފައިވާ ޖަރޒީއެވެ. އެޖަރޒީ ސޮދަބީސްއިން 2022 ވަނަ އަހަރު ވިއްކާލާފައިވަނީ 9.3 މިލިއަން އެމެރިކާ ޑޮލަރަށެވެ.

މިޖަރޒީގެ ކުރިން އެންމެ އަގުބޮޑުކޮށް ވިކިފައިވާ ޕެލޭގެ އައިޓަމަކަށް ވެފައިވީ އޭނާގެ ރޫކީ ކާޑެެކެވެ. އެކާޑު ވިކިފައިވަނީ 976 ހާސް އެމެރިކާ ޑޮލަރުގެ އަގަކަށް މިދިޔަ މަހުއެވެ. އަދި މިފަހަރު 4.9 މިލިއަން އެމެރިކާ ޑޮލަރަށް ވިކުނު ޖަރޒީވަނީ 2004 ވަނަ އަހަރު 105 ހާސް 600 އެމެރިކާ ޑޮލަރަށް ވިކިފައެވެ. ޕެލޭގެ ޖަރޒީ ވެގެންދިޔައީ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް ސޮދަބީސްއިން ބޭއްވި ދި ބިއުޓިފުލް ގޭމް އޯކްޝަންގައި ފެނިގެންދިޔަ އެންމެ މަޤްބޫލްވި އައިޓަމަށެވެ.