ޚަބަރު

ސްޕެއިންގެ ކާމިޔާބީއާއެކު ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން


ދުުނިޔޭގެ ތަަށްޓަށް ކުޅެވުނު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާގެ މައްޗަށް ކުރިހޯދައި ސްޕެއިނުން ހޯދި ތާރީޚީ ކާމިޔާބީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަރަށް ފޯރިއާއެކު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޣައްޒާގެ ރައްޔިތުން މި މުބާރާތުގެ މެޗުތައް ސްޓްރީމްކޮށްގެން ބަލާފައި ވަނީ، ދެ އަހަރު ދުވަހަށް ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމުގައި ސުންނާފަތިކޮށް، ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރޭގައި މަގުތަކާއި ހުސްބިންތަކުގައެވެ.

ފައިނަލުގައި ސްޕެއިނުން ކާމިޔާބީ ހޯދުމާއެކު، ޣައްޒާގެ އެކި ކަންކޮޅުތަކުގައި، ހިތްދަތިކަމުގެ ތެރޭގައި ތިބި އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އެ މީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ދިޔައީ ސްޕެއިންގެ ކާމިޔާބީއަށް މަރުޙަބާ ކިޔަމުންނެވެ. ޣައްޒާގައި ފައިނަލް މެޗު ދައްކާފައި ވަނީ، ސްކްރީންތަކާއި ލެޕްޓޮޕް ފަދަ ތަކެތި ބޭނުންކޮށް ވަރަށް ދަތި ޙާލުގައެވެ. ޖަނަރޭޓަރުތަކުން ކަރަންޓު ދީގެންނެވެ. ބައެއް މީހުން މެޗު ބަލާފައި ވަނީ މޮބައިލް ފޯނުގެ ސްކްރީނުންނެވެ. ފައިނަލް މެޗު ދެއްކުމުގެ އިންތިޒާމުތައް ކޮށްފައި ވަނީ އެހީދޭ ޖަމުޢިއްޔާތަކުންނެވެ. ޣައްޒާގެ ރައްޔިތުން ސްޕެއިނުން ހޯދި މި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމުގެ އަސްލަކީ، ސްޕެއިނަކީ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައި، ހަރުއަޑުން ވަކާލާތުކުރަމުންދާ ޤައުމެއް ކަމުގައި ވުމެވެ.

ދުނިޔޭގެ ތަށްޓަށް ކުޅެވުނު ފުޓުބޯޅަ މުބާރާތުގައި ސްޕެއިނަށް ކާމިޔާބީ ލިބުނު މި އުފާވެރި މުނާސަބަތުގައި، އެ ޤައުމުގެ ރައްޔިތުން ވެސް ފަލަސްޠީނުގެ ރައްޔިތުންގެ މަތިން ހަނދުމަނެތިކޮށްލާފައެއް ނުވެއެވެ. ސްޕެއިންގެ މަގުތަކުގައި އުފާ ފާޅުކުރަމުންދިޔަ ދިޔަ އެތައް ހާސް ބަޔަކު ވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވައިލައި، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައި، އަޑުއުފުލާފައެވެ. މި ފުރުޞަތުގައި ވެސް ސްޕެއިންގެ ރައްޔިތުން މި ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލާފައެވެ. މިއީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މިއީ، ފުޓުބޯޅަ މުބާރާތެއްގެ ތެރެއިން ސްޕެއިންގެ ކުޅުންތެރިންނާއި ރައްޔިތުން ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2025/2026 ވަނަ އަހަރުގެ ސްޕެއިންގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، 'ލަ ލީގާ' ގެ ޗެމްޕިޔަންކަން ބާސެލޯނާއިން ހޯދުމާއެކު ބޭއްވި އުފާ ފާޅުކުރުމުގެ ހަފުލާގައި، އެ ކުލަބުގެ ޒުވާން ތަރި، ލަމީން ޔަމާލް ވެސް ވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވައިލާފައެވެ. އެ ފިޔަވަޅާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައި ޔަމާލަށް ފުން ލޯތްބެއް ޖެހިގެންދިޔަ ނަމަވެސް، ޔަހޫދީންގެ ފަރާތުން އޭނާއަށް ވަނީ ފާޑުކިޔުމާއި ފުރައްސާރަ އަމާޒުވެފައެވެ. ޔަމާލްގެ މި ހިތްވަރުގަދަ ޢަމަލު ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތީ، އެ މީހުންގެ ޙައްޤުގައި ބައިނަލްއަޤުވާމީ މައިދާނުގައި ވާހަކަދައްކާނެ މީހުން ތިބި ކަމުގެ ޔަގީންކަމާ އެކުގައެވެ.