ވިޔަފާރި

ޙިއްސާގެ ބާޒާރުގައި އުރީދޫ ލިސްޓުކުރުމަކީ ކުރިއެރުމެއް




އުރީދޫ މޯލްޑިވްސް ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ލިސްޓްކުރުމަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށާއި އަދި ޙިއްސާގެ ބާޒާރަށްވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ޗެއަރމަން އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ. 

ސީ.އެމް.ޑީ.އޭގެ ޗެއަރމަން ވިދާޅުވީ މަލްޓިނޭޝަނަލް ކުންފުންޏެއް ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ރަޖިސްޓްރީކުރުމުން ގިނަ ފަރާތްތަކެއްގެ އިތުބާރު ހިއްސާގެ ބާޒާރަށް ލިބޭނެކަމަށެވެ. ދުނިޔޭގެ ޙިއްސާގެ ބާޒާރަށް ބަލާއިރު ކޮންމެ ދުވަހަކުވެސް ޙިއްސާގެ ބާޒާރުގައި ގަނެ ވިއްކުމުގެ ގިނަ މުޢާމަލާތްތަކެއް ހިނގައެވެ. ބޮންޑް ނުވަތަ ސުކޫކް ގަތުމުގެ އެންމެ ބޮޑު އެއްބޭނުމަކީ، އެއިން ފައިދާތަކެއް ހޯދުމެވެ. 

ރާއްޖޭގެ ޙިއްސާގެ ބާޒާރަށް ބަލާލާއިރު،މި ބާޒާރަކީއަދި އެހާ ޙަރަކާތްތެރި ޙިއްސާގެ ބާޒާރެއްގެ ސިފައިގައި ފެނިގެނެއް ނުދެއެވެ. ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ގިނަ ކުންފުނިތަކަކީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކެވެ. މި ކުންފުނިތަކަކީ، ސީދާ ސަތޭކަ އިންސައްތަ ޕްރޮފިޓް އޮރިއެންޓެޑް ކުންފުނިތަކަކަށް ނުވުމުން މީގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ރާއްޖޭގެ ޙިއްސާގެ ބާޒާރުން ފެންނާކަށްނެތެވެ.  ނަމަވެސް މިހާރު ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ލިސްޓްކުރަން ފަށާފައިވާ އަމިއްލަ ކުންފުނިތަކާއި މަލްޓިނޭޝަނަލް ކުންފުނިތަކުގެ ސަބަބުން ރާއްޖޭގެ ޙިއްސާގެ ބާޒާރުގެ ކުރިމަގު އުޖާލާވާ ފަދަ މަންޒަރުތަކެއްވަނީ ފެންނަން ފަށާފައެވެ. 

މިގޮތުން އެންމެ ފަހުން ޙިއްސާގެ ބާޒާރުގައި ލިސްޓްކުރި އުރީދޫ މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގެ ޙާލަތަށް ކުރިއެރުންތަކެއް އަންނާނެކަމަށްޤަބޫލްކުރެވޭކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޗެއަރމަން އަޙްމަދު ނަޞީރު ވިދާޅުވިއެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަކީ ބޮޑު ފައިދާއެއް ލިބޭ ދާއިރާއެއްކަމުން،މިއީ އުރީދޫ މޯލްޑިވްސްގެ ޙިއްސާ ގަންނަ ފަރާތްތަކަށް ބޮޑު މަންފާއެއް ލިބޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

" ރާއްޖޭގެ އާންމު ހިއްސާދާރުން މިކުރާކަމީ ހިއްސާ ގަނެފައި ބާއްވަނީ ، އޭގެން ކޮންމެ އަހަރަކު މިލިބޭ ޑިވިޑެންޑުން ފައިދާ ހޯދުމަށް ހިއްސާ ގަނެފައި މި ބާއްވަނީ. މިކަން އެބަޖެހޭ ބަދަލުވާން. " އަޙްމަދު ނަޞީރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެކުންފުނި ހިންގަމުން އަންނަނީބޮޑު ފައިދާއަކާއިއެކުއެވެ. ދުނިޔޭގެ 12 ޤައުމެއްގައި ވިޔަފާރި ކުރަމުން އަންނަ އުރީދޫ ގްރޫޕުން އާންމުކޮށްފައިވާ އެ ކުންފުނީގެ، މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ، ފުރަތަމަ ކުއާޓަރގައި އެކުންފުންޏަށް ލިބުނު 2.16 ބިލިޔަން ޑޮލަރުގެ އާމްދަނީއާއި އަޅާބަލާއިރު 1.75 އިންސައްތައިގެ ކުރިއެރުމެކެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫ ގްރޫޕަށް ފައިދާގެ ގޮތުގައި 873 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އުރީދޫ ގްރޫޕުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ ބޭރުގެ މީޑިއާތަކުގައި ލިޔެފައިވާގޮތުން އުރީދޫއަށް މި އާމްދަނީ ލިބުމުގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ، އުރީދޫއިން ހިންގާ އުރީދޫ މޯލްޑިވްސްގެ އާމްދަނީ ރަނގަޅުވުމުންނެވެ. އުރީދޫއިން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އުރީދޫ މޯލްޑިވްސްއަށް 235 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ގާތްގަނޑަކަށް 70 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫ މޯލްޑިވްސްއިން ވަނީ 135 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި އޮޕަރޭޓް ކުރަންފެށި ކުންފުނި، އުރީދޫ މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރީ، 2013 ވަނަ އަހަރުއެވެ. 



އުރީދޫ ގުރޫޕަށް މިއަހަރު ލިބުނު ފައިދާ 

އެޕްރީލުން ޖޫންގެ ނިޔަލަށް– 2.2 ބިލިއަން ޑޮލަރު

ޖެނުއަރީން  މާރޗަށް – 2.16 ބިލިއަން ޑޮލަރު

މިއީ %1.7 ގެ ކުރިއެރުމެއް



އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ފުރަތަމަ ތިންމަހު ލިބުނު އާމްދަނީ

ފުރަތަމަ ތިން މަސް ދުވަހު -  235 މިލިޔަން ރުފިޔާ

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު % 70 ކުރިއެރުމެއް

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި - 135 މިލިޔަން ރުފިޔާ ގެ ޢާމްދަނީއެއް ލިބިފައިވޭ