ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ކާފިއު އިޢުލާނުކޮށްފި


އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ހަތަރު މީހުން ޝަހީދުކޮށްލުމަށްފަހު، ޔަހޫދީ ފައުޖުން އެ ސަރަޙައްދުގައި ކާފިއު އިޢުލާނުކޮށް، ޖަރީމާތައް ފުޅާކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޣައިރުޤާނޫނީ ޔަހޫދީ ނިރުބަވެރިން ފަލަސްޠީނުގެ ރައްޔިތުންނާ ކުރިމަތިލައި، ހަމަލާދިނުމާ ގުޅިގެންނެވެ. މި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދުކޮށްލާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމުކޮށްލާފައެވެ. ހަމަނުޖެހުންތަކުގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވި ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

މި ލާއިންސާނީ ޖަރީމާތައް ފެށުނީ ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ ޣައިރުޤާނޫނީ އަވަށެއް ކަމުގައިވާ ޚަވާތު ގިލާދު ކައިރީގައި އޮންނަ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ތާލަ އަވަށަށް ހަތިޔާރުއެޅި ޔަހޫދީ ނިރުބަވެރިން އަރައި، ގެދޮރަށް ޙަމަލާދީ، ބިންތައް ފޭރިގަންނަން ފެށުމާ ގުޅިގެންނެވެ. ޔަހޫދީ ނިރުބަވެރިން ވަނީ، ގެދޮރު ޙިމާުޔަތްކުރުމަށް މަސައްކަތްކުރި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރެއިން ތިން މީހަކަށް ލިބިފައި ވަނީ ފުރާނައަށް ނުރައްކާވާފަދަ އަނިޔާތަކެކެވެ. ތާލަގެ ގެދޮރަށް ހަމަލާދިން ޔަހޫދީ ނިރުބަވެރިންނަށް ޙިމާޔަތްދިނުމަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ މަސައްކަތް ކޮށްފައެވެ. އަދި، ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ، އެ ސަރަޙައްދުގައި ކާފިއު ހިންގަން އަމުރުކޮށް، ޔަހޫދީ ވަޒަންވެރިން ދިރިއުޅޭނެ ޣައިރުޤާނޫނީ އިތުރު އަވަށްތައް ބިނާކުރުން އަވަސްކުރުމަށް ގޮވައިލާފައެވެ.

ނާބުލުސްގައި ކާފިއު ހިންގުމުގެ ގޮތުން އެ ސަރަަޙައްދަށް ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ވަނީ ޖަމާވެފައެވެ. އަދި، ހަތިޔާރުއެޅި ޔަހޫދީ ނިރުބަވެރިން އަދިވެސް ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ އަވަށްތަކަށް އަރައި، ބިންތައް ފޭރިގަތުމުގެ ޖަރީމާތައް ހިންގަމުންނެވެ. މި އަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ނިރުބަވެރި ވަޒަންވެރިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 87 އަށް އުފުލިފައެވެ. އޭގެ ތެރެއިން 21 މީހުން ޝަހީދު ކޮށްލާފައި ވަނީ ނިރުބަވެރި ވަޒަންވެރިންގެ ހަމަލާތަކުގައެވެ. މި ޖަރީމާތަކުގައި 850 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު، މިއީ 'ނަކްބާ' އާ އެއްފަދަ ޖަރީމާތަކެއްގެ ގޮތުގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ސިފަކުރެއެވެ.

ނިރުބަވެރި ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރުވަމުންދިޔުމާއެކު، ހުޅަނގު އައްސޭރީގެ ޙާލަތު ގޯސްވެ، ނުރައްކާތެރި ޙާލަތަކަށް ބަދަލުވަމުންދާ ކަމުގައި އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ޞަފަދީ ވިދާޅުވިއެވެ. އަދި، ބައިތުލްމަޤްދިސްގެ މުޤައްދަސް ބިންތަކުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ ޣައިރުޤާނޫނީ ކުށްތަކެއްގެ ގޮތުގައި ސިފަކުރައްވައި، ޔަހޫދީިންގެ މި ފަަދަ ޖަރީމާތަކުގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުމެއް އަލުން ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ.