ޚަބަރު

"ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެ"


  • މަގު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

  • މަގު ތަރައްޤީކުރާނީ ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، ތާރުއަޅައިގެން

ބޮޑުތަކުރުފާނުމަގު ތަރައްްޤީކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެން ތަރައްޤީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދުކަމަށެވެ.

އެ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފެށޭނެކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެމްބަރު މަހު އާންމުންނަށް ހުޅުވާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށްފައެވެ.

އެގޮތުން އެ ސަރަޙައްދުގެ މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކުގައެވެ.