ފަރަންސޭސިވިލާތާއި ސްޕެއިންގައި ހަލުވިކަމާއެކު ފެތުރެމުންދާ ބޮޑެތި އަލިފާންގަނޑުތަކުގެ ސަބަބުން، އެ ސަރަހައްދުތަކުގެ ޢާންމު ގޭބިސީތަކާއި ޗުއްޓީ ހޭދަކުރާ ރިސޯޓުތަކުން 250,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެއްޖެއެވެ.
ހާލުގައި ޖެހުނު މީހުންތެރޭ ހިމެނެނީ އެހިސާބުގައި ދިރިއުޅޭ ގެތަކާއި ޗުއްޓީ ހޭދަކުރާ ރިސޯޓުތަކުގައި ތިބި މީހުނެވެ.
މި ހާލަތުގައި ފަރަންސޭސިވިލާތުން ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެވެ. އަދި ސްޕެއިނުން ވަނީ ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑް ކައިރީގައި ރޯވެފައިވާ އަލިފާންގަނޑު ހޮނިހިރު ދުވަހު ކޮންޓްރޯލް ކުރެވޭނެކަމަށް، ނިއްވާލުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އުއްމީދުކުރިއެވެ. ނަމަވެސް ވެރިރަށުގެ ހުޅަނގު ފަރާތު ދުދަރެސް އަޅިކުލައިގެ ދުމުން ފުރެމުންދާއިރު، ބަދަލުވަމުންދާ ވަޔާއެކު އަލިފާންގަނޑު އިތުރަށް ފެތުރިގެންދިއުމުގެ ބިރު އޮތްކަމަށްބުނެ އޮފިޝަލަކު އިންޒާރު ދެއްވިކަމަށް، އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ.
މެޑްރިޑް ސަރަޙައްދީ ސަރުކާރުގެ އިމަޖެންސީ މެނޭޖްމަންޓް ޗީފް ކާލޯސް ނޮވިއްޔޯ ވިދާޅުވީ، ވެރިރަށާ ކައިރީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ހުރީ "އޭގެ އެންމެ ނުރައްކާތެރި ދަރަޖައިގަ"ކަމަށެވެ. އަދި މިވަގުތު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުން އެއީ ފަޔަރު ފައިޓަރުންގެ ގާބިލުކަމުގައި ވާކަމެށް ނޫންކަމަށް ކާލޯސް ވިދާޅުވިއެވެ.
ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މި އަލިފާނުގެ ސަބަބުން މެޑްރިޑް ސަރަޙައްދުން ގާތްގަނޑަކަށް 10،000 ހެކްޓަރު ގެ ބިން ވަނީ އަނދާފައެވެ. އަދި އަވަށްޓެރި އަވިލާ ސަރަހައްދުން 13،000 އާއި 15،000 ހެކްޓަރާ ދެމެދުގެ ބިން ވަނީ ހަލާކުވެފައެވެ. މި މިންވަރަކީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ބޮޑުމިނަށްވުރެ ދެގުނަ އިތުރު މިންވަރެކެވެ.
އެ މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ޖުމްލަ 70,000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ.
ހުކުރު ދުވަހު ވަކިން ރޯވެފައިވި ދެ އަލިފާންގަނޑެއް އެއްވެ، ބޮޑު އެއް އަލިފާންގަނޑަކަށް ވަނީ ބަދަލުވެފައެވެ. އަދި މި އަލިފާންގަނޑު އަވަށްޓެރި ކަސްޓީޔާ އީ ލިއޮން ސަރަޙައްދުގައި ރޯވެފައިވާ އެހެން އަލިފާންގަނޑަކާ ގުޅުމާ ވަނީ ވަރަށް ކައިރިވެފައެވެ.
ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހޮނިހިރު ދުވަހު ވިދާޅުވީ، މި އަލިފާންގަނޑުތައް ނިއްވުމުގައި އެންމެ އިސްކަމެއް ދެނީ "ފުރާނަ ސަލާމަތްކުރުމަށް" ކަމަށެވެ. އަދި ކުރިއަށް އޮތީ "އުނދަގޫ" ހުރަސްތަކެއް ހުރި ހަނގުރާމައެއްކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ފަރަންސޭސިވިލާތުގެ، ބޯޑޯ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މަޑުޖެހޭނެ ފަދަ އެއްވެސް ނިޝާނެއް ނުފެނުމުގެ ސަބަބުން، ހޮނިހިރު ދުވަހު ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސިޓީ ކައިރީގެ އަވަށްތަކުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ބޯޑޯ ސަރަޙައްދަކީ މޭބިސްކަދުރު ދަނޑުތަކަށް މަޝްހޫރު ސަރަޙައްދެކެވެ. އަދި އެ ސިޓީއަކީ އެޓްލާންޓިކް އައްސޭރީގައި ހުންނަ ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންކުރާ މައިގަނޑު އެއް ޓްރާންސްޕޯޓް ހަބެވެ.
ބޯޑޯގެ ދެކުނުން އޮންނަ، މުއްސަނދިން ދިރިއުޅޭ ކެޕް ފެރޭ ޕެނިންސިއުލާއިން ގާތްގަނޑަކަށް 44،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. އެތަނުން ނިކުމެވެން އޮތް ހަމައެކަނި މަގަށް ވެސް ވަނީ އަލިފާނުގެ ނުރައްކާ ކުރިމަތިވެފައެވެ.
މިލިއަނަރުންގެ ގޭގޭގެ ގޮތުގައި މަޝްހޫރު މި ޕެނިންސިއުލާއިން ސަތޭކަޔަކަށްވުރެ ގިނަ މީހުން ކަނޑުމަގުން ބޯޓުފަހަރުގައި ސަލާމަތްކުރިއިރު، އަނެއްބަޔަކު ވަނީ އެއްގަމު އުޅަނދުތަކުގައި އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ. އެތަނުން 50 އަށްވުރެ ގިނަ ގެ މިހާރު ވަނީ އަނދާ ހަލާކުވެފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވި ގޮތުގައި ލަންދް ސަރަޙައްދުން 190،000 ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށް ފްރާންސްގެ އަސްކަރިއްޔާ ވެސް ނެރެފައިވާއިރު، ރައީސް މެކްރޮން ވަނީ ވިލާތުގެ އިއްތިޙާދުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އަސްކަރީ މަތިންދާބޯޓެއް ބޭނުންކުރުމަށް ވެސް އޭނާ ވަނީ އަމުރުކުރައްވާފައެވެ.
ފަރަންސޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވީ، ފްރާންސްގެ އެކި ކަންކޮޅުތަކުގައި ރޯވި އަލިފާނުގެ ސަބަބުން ގާތްގަނޑަކަށް 98،000 ހެކްޓަރުގެ ބިން އަނދާފައިވާ ކަމަށާއި، މިއީ "ތާރީޚީ ރެކޯޑެއް" ކަމަށެވެ. ގައުމުގެ އެކި ހިސާބުތަކުގައި ރޯވެފައިވާ ބައެއް އަލިފާންގަނޑުތައް އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެއި މަހުން ފެށިގެން ޔޫރަޕްގެ ބައެއް ސަރަޙައްދުތަކަށް މަދުވެގެން ދެ ހީޓްވޭވް ކުރިމަތިވެފައިވެއެވެ. އަދި އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ހުރެ ކުރިމަތިވި ހަނަފަސްކަމުގެ ސަބަބުން، މިއަހަރު އަލިފާނުގެ ހާދިސާތައް ހިނގުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ވޯލްޑް ވެދާ އެޓްރިބިއުޝަން ގްރޫޕުން މި ހަފްތާގައި ޝާއިޢުކުރި ދިރާސާއެއްގައި ބުނެފައިވެއެވެ.