5 މިލިޔަން ގަސް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 1.67 މިލިޔަން ގަސް އިންދާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
5 މިލިޔަން ގަސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޚުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު 5ވަނަ ދުވަހުއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ތެރޭ 2 މިލިޔަން ގަސް އިންދުމެވެ.
ބަންގްލަދޭޝްއިން ރާއްޖެ އަށް 20000 ގަސް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްވަނީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި އާއްމުން ދިރިއުޅުމަށް ބިން ހިއްކާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާއިރު އެ ތަންތަން ފެހިކުރުމަކީ ކުރިއަށް ޖީލަށް ކޮށްދޭންޖެހޭ ކަމެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްންނެގެވުމާއި އެކު ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްގެ މުސްތަޤްބަލަށްޓަކާ ކުރާ ރަނގަޅު އިންވެސްޓްމެންޓުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށްވީ ނަމަވެސް އެ އަމާޒަށް ވާސިލްވާނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހިއްކާ ބިންތަކަކީ ހުސް ބިންތަކަކަށް ވުމުގެ ބަދަލުގައި އެތަންތަން ފެހިވުން މުހިންމު. 5 އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވެވޭނެ. އެ ޔަޤީންކަން ވަރަށް ބޮޑަށް އެބައޮތް." މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މީގެއިތުރުން ގަސްއިންދުމުގެ ޕްރޮގްރާމް މެދުނުކެނޑި ކުރިއަށްދާކަން ޔަޤީންކުރުމަށް ގަސް އިންދުމަށް ނާސަރީތަކެއް ޤާއިމުކޮށް، އެ ނިޒާމް ހަރުދަނާކަމާއެކު ކުރިއަށް ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ފަންޑުދީގެން ނާސަރީތަކުގެ މަސައްކަތްކުރިއަށް ގެންދިއުމަކީ، އެ ނާސަރީތައް މެދުވެރިކޮށް ދެމެހެއްޓެނެވި ގޮތެއްގައި ގަސް ލިބިލިބި ހުންނާނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރި މުހިންމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން އެއް މިލިޔަން ގަސް އިންދުމުގެ މަސައްކަތްކުރަމުންދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންނެވެ. މީގެއިތުރުން އެހެނިހެން ކުންފުނިތަކާއި، މުއައްސަސާތަކާއި އިދާރާތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ އެހީތެރިކަމާއެކު ގަސް އިންދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢަކީ ގަހުގެ ޢިލްމު ހޯދާ އެދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށް ރައީސް އިޢުލާންކުރެއްވީ، 2023ވަނަ އަހަރުގެ ޑިސެންބަރު މަހު ކޮޕް 28ގައި ތަގްރީރުކުރައްވަމުންނެވެ.