ޚަބަރު

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި


  • ކަނޑުއޮތްގިރީ އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ

  • މިއީ އައިސް ލިބުމުގެ ދަތިކަމެއް ލިބިދާ ލުޔެއް

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މިއީ މިސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ޤާއިމްކުރެވުނު އައިސް ޕްލާންޓެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ހިންގާ އޮޕަރޭޝަން ފުޅާކޮށް ހަރުދަނާ ކުރުމުގެ ތެރެއިން، ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއެއްވެސް މިމަހުގެތެރޭގައި ވަނީ ހުޅުވާފައެވެ. މިފްކޯގެ ހިކިމަސް ކާރުޚާނާ އަކީ ދުވާލެއްގެ މައްޗަށް 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުޚާނާއެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ. މި ކާރުޚާނާއިން ރޯމަސް ގެނެސް، ކަނޑައި މަސް ކެއްކުމުގެ އިތުރުން، މަސް ދިލަ ޖައްސާ ޕެކް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މިފްކޯއިން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުން ކަމަށެވެ. އަދި މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާ އެކު މިހާރަށް ވުރެ ފުޅާކޮށް ކަނޑުއޮތްގިރި ހިންގާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިކަން ހައްލުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އައިސް ޕްލާންޓްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 9500 މެޓްރިކް ޓަނުގައެވެ. އަދި އެއަދަދު 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި މިހާރުވެސް 4 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.