ޚަބަރު

ކުރިއަށްއޮތް 2 ދުވަހުވެސް ބައެއް ރަށްތަކަށް އުދަ އަރާނެ


  • ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް

ކުރިއަށް އޮތް 2 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ރާޅު ބާނިތަކުގެ އުސްމިން ވަރަށް މަތިވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތުވެސް ވަރަށް ބޮޑު ކަމަށް ލަފާކުރެވޭއިރު، މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށާއި، އެކި ހިސާބުތަކަށް ވާރޭވެހި ކެރީގެ އަސަރުވެސް ކުރަމުންދާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މާދަމާއާއި އޭގެ އަނެއް ދުވަހުން ފެށިގެން ވިއްސާރަ ވެހޭ މިންވަރު މަދުވެ، މޫސުން ކުޑަކޮށް އަލިވާނެ ކަމަށެވެ. އެހެންނަމަވެސް، އަންނަ ބުރާސްފަތި ދުވަހުގެ ފަހުން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައެވެ.

ވައިގެ ބާރު މިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.