ކުޅިވަރު

ފައިސާއާ ޖެހުމުން ސަލާހްގެ ޑީލް ހުއްޓިއްޖެ: ބެސިކްޓާސް


ފައިސާގެ މަޝްވަރާތަކާ ހަމައިން މިސުރުގެ ފޯވަޑް މުހައްމަދު ސަލާހްގެ ސޮއި ހޯދަން ކުރި މަޝްވަރާތައް ހުއްޓިއްޖެ ކަމަށް ތުރުކީގެ ކުލަބު ބެސިކްޓާސްއިން ބުނެފި އެވެ.

ބެސިކްޓާސްގެ ޑިރެކްޓަރު އޮންޑާ އޮޒެން ވިދާޅުވީ ލިވަޕޫލުގައި ދުނިޔޭގެ ތަރިއަކަށްވި ކުޅުންތެރިޔާގެ އެޖެންޓާއެކު މިހާތަނަށް ތިން ބައްދަލުވުން ބޭއްވިފައިވާ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށް، އެކަމަކު ފައިސާގެ ވާހަކަތަކާ ހަމައިން އެ އޮމާންކަން ގެއްލިއްޖެ. ސަލާހްއަކީ ދުނިޔޭގެ ތަރިއެއް. އަހަރެންނަށް ހީވަނީ އޭނާ އަށް (އެޖެންޓު ކަންތައްތައް ކުރާ ގޮތް) ސާފު ނުވާހެން،" އޮޒެން ބުންޏެވެ.

އޭނާ ބުނީ ބެސިކްޓާސްއިން އުމުރުން 34 އަހަރުގެ ސަލާހަށް ވަރަށް ރަނގަޅު ފައިސާގެ ޕެކޭޖެއް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ކުޅުންތެރިޔާގެ އެޖެންޓު އެކަމަށް ޖަވާބު ނުދޭތީވެ މަޝްވަރާތައް ހުއްޓިފައިވާ ކަމަށެވެ.

"އެ މީހުން އެހެން ކުލަބަކާ ވާހަކަ ދައްކާ ކަމަށް ބެލެވެނީ. އަހަރުމެން ކުލަބުގައި ވެސް އުސޫލުތަކެއް ހުންނާނެ. އަހަރުމެންގެ ޕްރޮޕޯސަލް އަށް ސަލާހްގެ ފަރާތުން ޖަވާބެއް ލިބުނީމާ މަޝްވަރާތައް ކުރިއަށް ދާނެ އަދިވެސް. އެކަމަކު އަދި ޖަވާބެއް ނުލިބޭ،" އޮޒެން ވިދާޅުވި އެވެ.

ހުސްވި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ މިސުރުގެ ކެޕްޓަން ގެންދިއުމަށް އެމެރިކާގެ ކެންސަސް ސިޓީންނާއި ސައޫދީ އަރަބިއާގެ ބައެއް ކުލަބުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.