ޚަބަރު

ހައިލައިން ވޯލްޑް ޗެމްޕިއަންޝިޕް ޗައިނާގެ ލިއަންގްޕެންގްއަށް


ސްވިޒަލޭންޑުގައި ކުރިއަށްދިޔަ ހައިލައިން ވޯލްޑް ޗެމްޕިއަންޝިޕްގައި، ފިރިހެނުންގެ ސްޕީޑް ހައިލައިން ދުނިޔޭގެ ރެކޯޑު 4 ފަހަރު މުގުރާލައިފިއެވެ.

މި މުބާރާތުގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ހޯދީ ޗައިނާގެ ލިއަންގްޕެންގް ލީއެވެ. އޭނާ ވަނީ މި މުބާރާތުގައި، 20 މީޓަރު އުސްމިނުގައި ދަމާފައިވާ 60 މީޓަރުގެ ވާގަނޑެއްގެ މަތިން އެންމެ 23.05 ސިކުންތުގެ ތެރޭގައި ދުވެ، ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 41 އެތުލީޓުން ބައިވެރިވި މި ހަރަކާތުގައި، ބިމުން 20 މީޓަރު އުސްމިނުގައި 60 މީޓަރާއި 100 މީޓަރާ ދެމެދުގެ ދިގުމިނުގެ ފަސް ވާގަނޑެއް ދަމާފައިވެއެވެ.

މުބާރާތުގެ އެހެން ބައިތަކަށް ބަލާއިރު، ޖަރުމަނުވިލާތުގެ އެތުލީޓުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ސެބަސްޓިއަން އެގަރ ފިރިހެނުންގެ ފްރީސްޓައިލް ތަށި ހޯދިއިރު، ސާޝާ ގްރިލް ވަނީ ކޮމްބޯ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދާފައެވެ.

އަންހެނުންގެ ބައިގައި ފާހަގަކޮށްލެވުނީ ސެސީލިއާ ސްޓޮކްއެވެ. އޭނާ ވަނީ ސްޕީޑް، ފްރީސްޓައިލް އަދި ކޮމްބައިންޑް ކެޓެގަރީންވެސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، އޭނާއާ ވާދަކުރެވޭނެ އެހެން އެތުލީޓަކު ނެތްކަން ސާބިތުކޮށްދީފައެވެ.