ފީފާއިން އަމަލު ކުރަމުންދާ ގޮތްތަކާމެދު ހިތްހަމަ ނުޖެހެތީވެ އެ ޖަމާއަތުން ރާވާ މުބާރާތްތައް ބޮއިކޮޓް ކުރަން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން މަޝްވަރާ ކުރަން ފަށައިފި އެވެ.
އެ ޖަމާއަތުން މިކަމުގައި މަޝްވަރާ ކުރަން ނިންމިކަން އިއުލާނުކުރީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ބްލެޓާ ވިދާޅުވީ އިންފަންޓީނޯ އުޅުއްވަނީ ވޯލްޑް ކަޕް ވިއްކާލަން ކަމަށެވެ.
ޔޫއެފާއިން ފީފާގެ މުބާރާތްތައް ބޮއިކޮޓް ކޮށްފިނަމަ ވޯލްޑް ކަޕުގެ ޗެމްޕިއަން ސްޕޭނާއި މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި އިޓަލީ ފަދަ ގައުމުތައް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުން ނުފެންނާނެ އެވެ.
ޔޫރަޕުގެ މީޑިޔާތަކުން ބުނާ ގޮތުގައި ޔޫއޭފާއިން ދަނ ގައުމީ ޓީމުތަކުގެ އިތުރަށް ޔޫރަޕުގެ ކުލަބުތަކުން ފީދާގެ މުބާރާތްތައް ބޮއިކޮޓް ކުރެވޭނެ ގޮތަކީ ކޮބާތޯ ބެލުމަށް ވެސް މަޝްވަރާ ކުރަން ތައްޔާރުވަމުންނެވެ. މިކަމާ ގުޅިގެން ޔޫއޭފާ އާއި ފީފާއިން ވެސް ރަސްމީކޮށް އެއްޗެއް އަދި ނުބުނެ އެވެ.
ނަމަވެސް އެމެރިކާގެ ރައީސްއާ ވަރަށް ގާތް ގުޅުމެއް ބާއްވައި ފީފާއިން މި ފަހުން ނިންމު ބައެއް ނިންމުންތަކާމެދު ޔޫއޭފާއިން ވަނީ ވަރަށް ބޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެ ނިންމުންތައް ޔޫއޭފާއިން ސިފަ ކުރީ ސިޔާސީ ވަކި ބަޔަކު ހިތްހަމަ ޖައްސަން ނިންމު ސިޔާސީ ނިންމުންތަކެއްގެ ގޮތުގަ އެވެ. އަދި ޔޫއޭފާގެ ރައީސް އެލެގެޒެންޑާ ސެފެރިން ވަނީ އެމެރިކާގައި މި މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ވެސް ބޮއިކޮޓް ކޮށްފަ އެވެ. އަދި އެ ޖަމާއަތުން ވަނީ މިދިޔަ އަހަރު ފީފާގެ ކޮންގްރެސް ވަކި ހިސާބަކުން ބޮއިކޮޓް ކޮށްފަ އެވެ. އެއީ ޓްރަމްޕާއެކު ދަތުރު ކުރައްވަން އުޅުއްވައިގެން އިންފަންޓީނޯ ގަޑިޖެހިގެން ކޮންގްރެސް އަށް ވަޑައިގަތުމުންނެވެ.