ދިވެހި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ ޗެރެޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާއެވެ. މާޒިޔާ އިން ވަނީ މިދިޔަ ސީޒަން ހުޅުވަން ބޭއްވި ޗެރިޓީ ޝީލްޑް މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ނުކުތީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މާޒިޔާއިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ،
ނިއުއަކީ ކުރިއަށް އޮތް ސީޒަނަށް އެންމެ ކުރިން ފަރިތަކުރުންތައް ފެށީ ޓީމެވެ. އެގޮތުން ނިއުއިން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނަސް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ވެސް ހޯދައިފައެވެ.
ނިއުއިން ވެސް ވަނީ ޗެރިޓީ ޝީލްޑް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އެއީ 2013 އަދި 2014 ވަނަ އަހަރުގައެވެ.
އެފްއޭއެމް މީޑިއާ ކަލަންޑަރު މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް އަންނަ މަހު ކަޕް ވިނާސް ކަޕް ކުޅެން ނިންމާފައިވެއެވެ. އަދި ދިވެހި ޕްރިމިއާ ލީގު ސެޕްޓެމްބަރު މަހު ފަށާނެ ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިފަހަރުގެ ފުޓުބޯޅަ ސީޒަނުގައި ބޮޑު ބަދަލެއްގެ ގޮތުގައި، ދިވެހި ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު ޓީމުތައް އިތުރުވުން ފެނިގެންދާނެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި އަށް ޓީމު ދިވެހި ލީގުގައި ވާދަކުރި ނަމަވެސް މިފަހަރުގެ ލީގުގައި 10 ޓީމު ވާދަކުރާނެއެވެ.
އެފްއޭއެމް އިން މަސައްކަތް ކުރަމުންދަނީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުމަށެވެ. އެއީ މިފަހަރުގެ ލީގުގައި، މާލެއަށް ނިސްބަތްނުވާ ދެ ޓީމެއް ކުޅޭތީއެވެ. އެގޮތުން ލީގުގައި މިފަހަރު ކުޅޭ އަތޮޅުތެރޭގެ ދެ ޓީމަކީ ދެކުނުގެ ޗެމްޕިއަން ގދ. ގައްދޫއާއި އުތުރުގެ ޗެމްޕިއަން ހއ. ދިއްދޫއެވެ.