ޚަބަރު

މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިތައް ހައްލުކުރަނީ


  • މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލްތައް ވަނީ ދެނެގަނެވިފައި

  • ޑްރެޖަރެއް ކުއްޔަށް ނަގާނަމަ 105 މިލިޔަން ޑޮލަރު ދޭންޖެހޭ

ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސްޕީޑް އަވަސްކުރުމަށް ބޭނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތައް ހައްލުކުރެވޭނެކަމަށް އެމްޓިސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނޭކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށްޓަކައި މަހާ ޖައްރާފާއެކު 6 ޑްރެޖަރ ބޭނުންކޮށްގެން އެ މަސައްކަތްތައް ކުރަމުންދާކަމަށް ސަޢުދީ ވިދާޅުވިއެވެ.

ސަޢުދީ ވިދާޅުވީ ހޮޕާ ޑްރެޖަރަކުން އިތުރު 16 މިލިޔަން ސީބީއެމް ހިއްކަން ޖެހޭކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އިތުރު ޑްރެޖަރ އެއް ކުއްޔައް ނަގަންޖެހޭކަން ފާހަގަކުރައްވާ ސަޢުދީ ވިދާޅުވީ 10 މަހަށް ކުއްޔަށް ނެގިނަމަވެސް މިހާރުގެ ހާލަތުން 105 މިލިޔަން ޑޮލަރު ބޭރުގެ ބަޔަކަށް ދޭންޖެހޭކަމަށެވެ. އަދި އެކަމަކީ ބޮޑު ގޮންޖެހުމެއްނަމަވެސް ބިން ހިއްކުމުގެ މަސައްކަތްތައް ނިންމުމަށް ޕްލޭންތަކެއް ހަދާ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

" ކަޓަރ ސަކްޝަން ޑްރެޖަރ އަދި ހޮޕާ ޑްރެޖަރ މި ބޭނުން ކުރަނީ. ކަޓަރ ސަކްޝަން ޑްރެޖަރ ބޭނުންކޮށްގެން ތުޅާދޫއާއި ލ. މާވައް ހިއްކަމުން ދަނީ. އަދި މަޑަވެއްޔާއި ފަރެސްމާތޮޑާ ހިއްކުމުގެ މަސައްކަތްތައް ކުރަމުންދާނެ. މަހާ ޖައްރާފް ބޭނުން މި ކުރަނީ ގިިރިފުށި ހިއްކުމުގެ މަސައްކަތަށް." އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

އެޕޯޓްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސަޢުދީ ވިދާޅުވީ މަސައްކަތްތައް ނިންމުމަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި މަޝްރޢޫ ފެށުމަށްފަހު ސޮކޯޕަށް އަންނަ ބަދަލު ހިމެނޭކަމަށެވެ. މިގޮތުން މިހާރު މޯލްޑިވިއަންއިން އޮޕަރޭޓްކުރާ ފްލައިޓްތަކުގެ ސައިޒް ބޮޑުވުމުން ކުރިން ރަންވޭތައް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސައިޒްއަށްވުރެ ބޮޑު ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގައި އެފަދަ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ސަޢުދީ ވިދާޅުވީ އަލިފުށީ އެއަޕޯޓަ ތަރައްޤީކުރުމަށްޓަކައި ސްކޯޕަށް އައި ބަދަލުތަކާއެކު އަލުން އައު މަޝްރޫޢުއެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވެފައިވަކަމަށެވެ.

ސަޢުދީ ވިދާޅުވީ އެ ކުންފުންނާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައި ހުރިކަމަށެވެ. އަދި މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭކަމަށެވެ. ސަޢުދީ ވިދާޅުވީ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ބޭނުންވާ މެޓީރިއަލްތައް ދެނެގަނެވިފައިވާކަމަށެވެ. އަދި އެ ސާމާނު ހޯދުމުގައި މިހާރު ހުރި ދަތިއްތައް ފިލުވާ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި އަތޮޅުތެރޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށްޓަކައި ބެނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތައް ހައްލުކުރެވޭނެކަމަށެވެ.