ޚަބަރު

ސައުދީގެ އުޅަނދަކަށް ހޫޘީން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


  • މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަސަރުކުރޭ

  • ހަމަލާދިނީ ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއެއް ފަހުން

ރަތްކަނޑުން ދަތުރުކުރަމުންދިޔަ ސައުދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް ބެލިސްޓިކް މިސައިލުން ހަމަލާދީފަައިވާ ކަމަށް އެ ޖަމާއަތުން ބުނެފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

މި ހަމަލާ ދީފައިވަނީ ރަތްކަނޑުން ދަތުރުކުރާ ސައުދީގެ އުޅަނދުފަހަރަށް އަމާޒުކޮށް، އެ ސަރަހައްދުން ދަތުރުފަތުރުކުރުން ހޫޘީން މަނާކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން އާއްމުކުރައްވާފައިވާ ބަޔާނެއްގައިވަނީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ހަމަލާތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށެވެ.

މީގެ އިތުރުން، މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ރާއްޖެއިން ފާހަގަކުރެއެވެ. ރާއްޖެއިން އެ ހަމަލާ ސިފަކުރަނީ، މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ރަތްކަނޑާއި ބާބުލް މަންދަބު ސަރަހައްދުގެ ހަމަޖެހުން ނަގާލައި، މަސްލަހަތު ގޯސްކުރުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައެވެ.

ރާއްޖެއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ނަންބަރު 2216 އަދި 2722 އާ އެއްގޮތަށް އަމަލުކުރުމަށާއި، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ރާއްޖެއިން ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއި އެކު ސާބިތުކަމާއިއެކު ތިބިކަމުގެ ޔަޤީންކަން ރާއްޖެއިން ވަނީ ދީފައެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.