ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ޝިޕިންގ ކުންފުނި، ބަހްރީގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ސިދްރުއަށް ގޮތްނޭނގޭ މިސައިލް ހަމަލާތަކެއް އަމާޒުވެ ދެ މީހުން މަރުވެއްޖެއެވެ. މަރުވެފައިވާ ދެ މީހުންނަކީ އެ އުޅަނދުގައި ފަޅުވެރިންގެ ގޮތުަގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްއަށް ނިސްބަތްވާ ބައެކެވެ.
އެނގިފައިވާ ގޮތުގައި އެ އުޅަނދަށް ހަމަލާ އަމާޒުވެފައި ވަނީ އޮގަސްޓު މަހުގެ 31ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ނިކުތުމަށް ދަތުރުކުރަމުން ދަނިކޮށެވެ. ހަމަލާތައް އަމާޒުވި އިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ ޢުމާންގެ ޚަސަބްގެ ގާތްގަނޑަކަށް 16.6 ނޯޓިކަލް މޭލު އިރުއުތުރުންނެވެ. ބަހްރީއިން ވަނީ އެ ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމަށާއި، ލިބުނު ގެއްލުން ބަލަމުންދާ ކަމަށް ބުނެފައެވެ.
އެ ހަމަލާ ދީފައި މި ވަނީ ވިޔަފާރި އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގައި އޮތް ނުރައްކާ އިތުުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ ހަމަލާ ދިނުމުގެ ކުރިން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާ، އައިއެމްއޯއިން ބުނެފައިވާ ގޮތުގައި އޮގަސްޓު މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ކަނޑުމަތީގައި 70 ހާދިސާ ހިނގާފައިވެއެވެ. އަދި އުޅަނދުފަހަރުގައި މަސައްކަތް ކުރަމުން ދިޔަ 19 ފަޅުވެރިން އެ ހާދިސާތަކުގައި މަރުވެފައިވެއެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ޤުދުރަތީ ގޭހާއި ހަކަތަ އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ. މެދުއިރުމަތީގެ ހަނގުރަމަ ފެށުމުގެ ކުރިން ދުނިޔެއަށް ބޭނުންވާ ހަކަތައިގެ ފަސްބައި ކުޅަ އެއްބައި އުފުލަމުން ދިޔައީ މި މަގު މެދުވެރިކޮށެވެ. ހަނގުރާމަ ފެށުނު ފަހުން އީރާނުން ދަނީ އެ މަގު ބޭނުން ކުރުމަށް ވަރަށް ބޮޑަށް ދަތިކުރަމުންނެވެ.