ޖަޕާނުގެ ދެކުނަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ޖަޕާނަށް އައި ބިންހެލުމުގައި މިހާތަނަށް 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ޤައުމަށް އަންގާރަ ދުވަހު އައި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7.1 ބާރުމިނުގެ ބިންހެލުމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެމަނިކުފާނު ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީއަށް ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައި ބިންހެލުމާ ގުޅިގެން ގިނަބަޔަކު މަރުވެ، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާތީ އެކަމުގެ ހިތާމައިގައި ރާއްޖޭން ބައިވެރިވާކަމަށް ވިދާޅުވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ރާއްޖެއާއި ދިވެހީން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި އެ ޤައުމުގެ ރައްޔިތުން ހެޔޮ ސިއްޙަތެއްގައި ލެހެއްޓެވުމަށް ދުޢާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމުން ކުރަމުން އަންނަ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވިދާޅުވިއެވެ.
އަންގާރަ ދުވަހު ޖަޕާނަށް އައި މި ބިންހެލުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ ކުމަކޮޓޯ ސިޓީގައި ހުންނަ ފިހާރަބަރިއެއް ވެއްޓުނު ހާދިސާގައެވެ. އެ ފިހާރަބަރީގެ އިމާރާތުގެ ދަށުވެ ތިން މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، އެ ތަނުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
އެ ސަރަހައްދުގައި ގެދޮރާއި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން އަދި އަވަސް ފަރުވާދޭ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ވަގުތީ ހިޔާތަކަށް ބަދަލުވުމަށް 260,000 މީހުންނަށް ވަނީ އިރުޝާދު ދީފައެވެ.
ބިންހެލުމުގެ ސަބަބުން ޖަޕާނުގެ ޔަތުސުޝިރޯ ސިޓީގެ ގެތަކަށް ވެސް ބޮޑެތި ގެއްލުންވެ، މަގުތައް ވަނީ ރެނދުލައި ހަލާކުވެފައެވެ. ހަސްފަތާލުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ބައެއް ތަންތަނުން ވަނީ އަވަސް ފަރުވާގެ ޚިދުމަތްތައް މެދުކަނޑައިލާފައެވެ. އެ ސަރަޙައްދަށް އިތުރު ލޮޅުންތައް އައިސް، ބިންގަނޑު ކެނޑުމުގެ ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑު ކަމުގައި ކަމާގުޅޭ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ. ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދެއްގެ އަލިފާން ފަރުބަދަތައް އޮންނަ 'ރިންގ އޮފް ފަޔަރ' ގެ ނަންދީފައިވާ ސަރަޙައްދުގައި އޮތް ޤައުމެކެވެ.