ޚަބަރު

ޤައުމީ ލަފާދޭ މަޖިލީހުގައި 100 އަށްވުރެ ގިނަ ތަޖުރިބާކާރުން


  • ޚާއްޞަ މަޝްވަރާ މަޖިލީހަކާއި ލަފާދޭ ޤައުމީ މަޖިލީހެއް އެކުލަވާލާނެ

  • ނޮވެންބަރުމަސް އަންނަންވާއިރު މި ދެ މަޖިލިސްވެސް އެކުލަވާލަނީ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޤައުމީ މަޖިލިސް އެކުލަވާލާނީ 100 އަށްވުރެ ގިނަ ތަޖުރިބާކާރުންނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހަކާއި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޤައުމީ މަޖިލީހެއް އުފެއްދުމުގެ ކަންކަން ކުރިއަށްގެންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމަށް ޚިދުމަތް ކުރެއްވި އެތައް ބޭފުޅުންނެއް އެބަތިބި ކަމަށާއި، އެ ބޭފުޅުންނަށް ޤައުމުގެ ކަންކަމުގައި ބަސްކިޔައި، ޚިޔާލު ދިނުމުގެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އެފަދަ ޚިދުމަތްތެރިންގެ ޤައުމީ މަޖިލީހެއް އެކުލަވާލެވިގެންދާނެ ކަމަށާއި އެކި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށްވެސް ބަސް ކިޔުމަށް ފުރުސަތުދީ އެބޭފުޅުންގެ ޤައުމީ ލަފާދޭ މަޖިލީހެއްވެސް އެކުލަވާލާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެބޭފުޅުންނަށް ފުރުސަތު ދެނީ ޤައުމީ މައްސަލަތަކުގައި ވާހަކަ ދައްކައި، ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު ދެއްވުމަށް ކަމަށެވެ.

"އެންމެ ގިނަ ދުވަސްތަކަކަށް ޚިދުމަތްކޮށްފައި ތިބި ފަރާތްތަކާއި، މަތީ މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި ފަރާތްތަކެއް އެބަތިބި. އަދިވެސް ޤައުމުގެ ކަންކަމުގައި ބަސްބުނަން ބޭނުންވާނެ މީހުން ތިބޭނެ. އެފަދަ މީހުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް މި އެކުލަވާލަނީ. އޭރުން އަޅުގަނޑު ބޭނުންވާ ހާލަތެއްގައާއި އެބޭފުޅުން އިސްނަގައިގެންވެސް ލަފާދެވޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ދާއިރާއެއްގައި ތިބި ތަޖުރިބާކާރު ފަންނުވެރިން ހިމަނައިގެން އެކުލަވާލާ ޤައުމީ މަޖިލީހުގައި 100 އަށްވުރެ ގިނަ މީހުން ތިއްބަވާނެ ކަމަށެވެ.

"ސއްިޙީ ދާއިރާގެ، ޕަބްލިކް ހެލްތު ޑޮކްޓަރުންނާއި ކާބޯތަކެތި، މިހެން ގޮސް އެކި ދާއިރާތައް އެބަހުރި. ތަޢުލީމީ ދާއިރާ، ޕްރައިމަރީ ޓީޗިން ދާއިރާ ހިމެނޭ. އެންމެ ތަޢުލީމީ ތަޖުރިބާ ހުރި މީހުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް މިއީ. 100އާއި 150 ދެމެދުގެ އަދަދަކަށް ހިމެނިދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަޢުލަތުގެ އެހެން މުއައްސަސާތަކުންވެސް ބޭނުންވާނަމަ އެ ބޭފުޅުންގެ ލަފާ ހޯދޭނެ ކަމަށެވެ. މި މަޖިލިސްތައް އެކުލަވާލުމަށް އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި 3 މަސް ދުވަހުގެ ތެރޭގައި މަޖިލިސް އެކުލަވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚާއްޞަ މަޝްވަރާ މަޖިލީހަކީ، އިސް ރަށްވެހިންގެ ތެރެއިން ދައުލަތުގެ ޢިއްޒަތުގެ ޝަރަފާއި، މަތިވެރި ޢިއްޒަތުގެ ޝަރަފާއި، ދިގު މުއްދަތުގެ ޝަރަފާއި، މިފަދަ އެތައް އަހަރެއްގެ ތަޖުރިބާއިން ޤައުމަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން ހިމެނޭގޮތަށް އެކުލަވައިލެވޭ މަޝްވަރާ މަޖިލީހެކެވެ.

ޤައުމީ މަޖިލީހަކީ އެކިއެކި ފަންނުތަކުގެ ތެރެއިން ހުރިހާ ފަންނެއް ހިމެނޭހެން ތަޢުލީމީ، ޞިއްޙީ، އިޤްތިޞާދީ، އިޖުތިމާޢީ ޚާރިޖީ، މިހެންގޮސް ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް އެކި ފަންނުތަކުގައި ތިބި، ފަންނުތަކުން ތަޖުރިބާ ހާސިލުކޮށްފައި ތިބި، ތަޢުލީމާއި ތަޖުރިބާ ލިބިފައި ތިބި، އެކިއެކި ބޭފުޅުން ހިމެނޭގޮތަށް އުފައްދާ ޤައުމީ މަޖިލީހެކެވެ.