ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ މަގު ފަހިކުރުމަށް ބ.އޭދަފުށީގައި ޢާއިލީ ހަވީރެއް ބާއްވައިފިއެވެ. ޤައުމީ މާމަކާފަ ދުވަހަކީ، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.
މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ބ. އޭދަފުށީގައި ކުރިއަށްދިޔަ ޢާއިލީ ހަވީރަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިޢާއިލީ ހަވީރުގައި ދުޅަހެޔޮކަންމަތީ ހުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ދީފައިވެއެވެ. އަދި ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. ހަމައެއާއެކު ޕެންޝަނާއި ބެހޭގޮތުންވެސް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ދީފައިވެއެވެ. މީގެއިތުރުން ކުޑަކުދިން ޝައުގުވެރިވާނެ އެކިއެކި ކުޅިވަރުތަކާއި، އިހުގެ ހަނދާންތަކާއި ގުޅިފައިވާ ތަފާތު ތަކެތިވެސް ވަނީ ދައްކާލާފައެވެ.
މިހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރ ޝަމްޢާން ޝާކިރު ވިދާޅުވީ، މިހަވީރުގެ މައިގަނޑު މަޤުސަދަކީ ޢާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށެވެ.
"މިހަވީރުގެ އަސްލު މަޤްުސަދަކީ މުޖުތަމަޢު ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ އެބޭފުޅުންގެ އަގުވަޒަންކުރުން. އަދި 3 ޖެނެރޭޝަން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ މާޙައުލެއް ޤާއިމުކުރުން." ޝަމްޢާން ވިދާޅުވިއެވެ.
މި ޢާއިލީ ހަވީރުގައި ބައިވެރިވި ބައެއް މާމައާއިންނާއި ކާފައިންވަނީ، އެބޭފުޅުންގެ ޝުޢޫރު ޕީއެސްއެމްނިއުސްއާ ހިއްސާކޮށްދެއްވާފައެވެ.
"ވަރަށް އުފާވެ މިފަދަ ހަވީރެއް ބޭއްވީމަ." މާމައަކު ބުންޏެވެ.
"މިކަމުގެ އަސްލު ފައިދާއަކީ މުޖުތަމަޢުގެ އެކަކު އަނެކެއްގެ ދެމެދު އޮންނަ ގުޅުންތައް ބަދަހިވެގެންދާނެ މިފަދަ ކަންތައްތަކުގެ ތެރެއިން." ކާފައަކު ބުންޏެވެ.
"އަޅުގަނޑުމެންނަށްޓަކައި މިފަދަ ކަމެއް ފާހަގަކުރީމަ އަޅުގަނޑުމެން ނެތް ދުވަހަކުވެސް އެނގޭނެތާ މިފަދަކަމެއް އަޅުގަނޑުމެންނަށްޓަކައިވެސް ބޭއްވިކަން." ކާފައަކު ބުންޏެވެ.
ޤައުމީ ފެންވަރުގައި މާމަކާފަ ދުވަސް ފާހަގަކުރަން ފެށީ، 2020 ވަނަ އަހަރުން ފެށިގެންނެވެ. ޢުމުރުން ދުވަސްވީ ދުވަހު އެފަރާތްތަކުން ޤައުމާއި ޢާއިލާ ބިނާކުރުމަށް ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް އަންނަނީ، މާމަކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ. މިއަހަރު މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރީ، ބ.އޭދަފުށީގައެވެ.