ޚަބަރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފ އަތޮޅަށް

  • ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައިވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 10:45އިން ހަވީރު 4:00އާ ހަމައަށެވެ. މިގަޑިތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށެވެ. ޚާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ހޮނިހިރު ދުވަހުވެސް ވިއްސާރަވާނެކަމަށް ލަފާކުރެވޭކަމަސް ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވެނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

އަދި މިއަދުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.