ޚަބަރު

28 ބިދޭސީން ފާސްކޮށް، 8 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ބަލާ ފާސްކޮށްފައިވަނީ ކެފޭތަކާއި ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން

  • މިފަދަ 6 ތަނެއް ބަލައި ފާސްކޮށްފައިވޭ

ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތަކާއި ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭ ޓާސްކް ފޯހުން މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހިންގި މިއޮޕަރޭޝަންގައި ޖުމްލަ 6 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ކެފޭތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ޓޭކްއަވޭ އައުޓްލެޓްތައް ހިމެނެއެވެ. މި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 28 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ޗެކްކުރެވުނު މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު ވަނީ ފާހަގަކުރެވިފައެވެ. މި އަށް މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އާންމު ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަގުސަދުގައެވެ. ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފާސްކުރުންތައް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ، ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12 ހާހަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއެވެ.