ޚަބަރު

ނިއުކާސްލްގެ ކޯޗުކަމުން ހޯވް ވަކިވާން ނިންމައިފި


  • ނިއުކާސްލްގެ ކޯޗުކަމަށް ގެނައުން އެންމެ ގާތީ މެތިއަސް ޖެއިސްލަރ

އިންގްލިޝް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން އެޑީ ހޯވް ވަކިވާން ނިންމައިފިއެވެ.

އިނގިރޭސި މިޑިއާތަކުން ހަބަރުތައް ބުނާގޮތުން ހޯވް ނިއުކާސްލްގެ ކޯޗުކަމުން ވަކިވާން ނިންމާފައިވަނީ އިތުރަށް ފަސް ކުރުމެއް ނެތި މިހާރުން މިހާރަށެވެ. ނިއުކާސްލްގައި ހޯވް ހޭދަކުރި ފަސް ސީޒަންގައި އެކްލަބުން ވަނީ 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދައިދީފައެވެ. 2025 ވަނަ އަހަރުގެ ކަރަބާއޮ ކަޕްގެ ތަށި ނިއުކާސްލް އަށް ކާމިޔާބު ކޮށްދިނުމުގެ އިތުރުން އޭނާގެ ކޯޗުކަމުގެ ދަށުން ނިއުކާސްލްވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުންވެސް ޖާގަހޯދައިފައެވެ.

ނަމަވެސް އުމުރުން 48 އަހަރުގެ ހޯވްގެ ކޯޗުކަމުގެ ދަށުން ނިމިގެންދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގެ 12 ވަނަައިގާ އޮވެގެން ލީގު ނިންމާލުމުގެ ސަބަބުން އޭނާއަށްވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައެވެ. މިގޮތުން ޕްރިމިއަރ ލީގުގައި ނިއުކާސްލް އިން ކުޅުނު 38 މެޗުގެ ތެރެއިން 17 މެޗުން އެޓީމުވަނީ ބަލިވެފައެވެ. އަދި އޭނާގެ ކޯޗުކަމުގެ ދަށުން ނިއުކާސްލް ކުޅުނު ފަހު މެޗަކަށް ވެގެންދިޔައީ ޕްރީ ސީޒަންގައި ބްރިސްޓަލް އާއި ކުޅެ 4 ލަނޑު އެއް ލަނޑުން ބަލިވި މެޗެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން ނިއުކާސްލް އިން ކުޅުންތެރިން ގަތުމަށް 240 މިލިއަން ޕައުންޑް ހޭދަކުރި ނަމަވެސް އެޓީމުން އެލެކްސެންޑަރ އިސާކް ވިއްކާލަން ނިންމުމާއި ގުޅިގެން ހޯވް ވަނީ މުޅި ސީޒަންގައިވެސް ދޭތެރެ ދޭތެރެއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި މިސީޒަން ފެށުމުގެ ކުރިން އެޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އެންތަނީ ގޯޑަން އާއި ސާންޑްރޯ ޓޮނާލީވަނީ ވިއްކާލައިފައެވެ. އަދި ކެޕްޓަން ބްރޫނޯ ގިމަރާއީސް ގެންދިއުމަށް އާސެނަލް އިން މަސައްކަތް ކުރަމުންނެވެ.

ނިއުކާސްލް އިން މިކަން ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް ސްކައި ސްޕޯޓްސް އިން ހާމަކުރިގޮތުގައި ހޯވް މިނިންމުން ނިންމާފައިވަނީ ކްލަބްގެ އިސްވެރިންނާއި އެކު ވޭތުގެދިޔަ 48 ގަޑިއިރު ތެރޭގައި ބޭއްވި މަޝްވަރާތަކަށް ފަހުކަމަށެވެ. އިނގިރޭސި ގިނަ މީޑިއާތަކުން ހާމަކުރާގޮތުގައި ހޯވްވަނީ ކޯޗުކޮށްދިނުމާއި ދުރަށް ކުޑަދުވަސްކޮޅަކަށް ދިއުމަށް ބޭނުންވާކަން ނިއުކާސްލްގެ އިސްވެރިންނަށް އަންގާފައެވެ.

މަޢުލޫމާތުލިބޭގޮތުގައި ނިއުކާސްލްގެ ކޯޗުކަމަށް ގެނައުން އެންމެ ގާތީ ސައުދީ ޕްރޯ ލީގުގެ އަލް އަހްލީގެ ކޯޗުކަން މިހާރު ކުރަމުންދާ މެތިއަސް ޖެއިސްލަރއެވެ. 2023 ވަނަ އަހަރު އަލް އަހްލީ އާއި ހަވާލުވި ޖެއިސްލަރ ވަނީ އެކްލަބަށް ޖެހިޖެހިގެން ދެ ސީޒަންގައި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ. އުމުރުން 38 އަހަރުގެ ޖެއިސްލަރ އޭނާގެ ކުޅުމުގެ ކެރިއަރ ހޭދަކޮށްފައިވަނީ އުފަން ރަށް ޖަރުމަނުވިލާތުގައެވެ. މިގޮތުން ޖަރުމަނު ބުންޑެސްލީގާގެ ހޯފެންހެއިމް އަށް 2007 އިން 2014 އާއި ހަމައަށް ކުޅުނު އިރު އުމުރުން 25 އަހަރުގައި އަނިޔާގެ ސަބަބުންވަނީ ކުޅުމުން ރިޓަޔަރ ކުރަންޖެހިފައެވެ. ޑެންމާކްގެ ބްރޮންޑްބީއިން ކޯޗުކޮށްދޭންފެށި ޖެއިސްލަރވަނީ 2021 ވަނަ އަހަރު ކެނެޑާގެ މިހާރުގެ ކޯޗު ޖެސީ މާރޝް އާރްބީ ސާލްސްޒްބާގުން ވަކިވުމާއެކު އެކްލަބްގެ ކޯޗު ކަމާއި ހަވާލުވެ އޮސްޓްރިއަން ބުންޑެސްލީގާ އާއި އޮސްޓްރިއަން ކަޕް ޖެހިޖެހިގެން ދެ ސީޒަންގައި އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.