ރާއްޖޭގައި ސިޔާސީ ދާއިރާއިން ކުރިއަރިގެން ދިއުމުގެ ފުރުޞަތު 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަދިވެސް ޒުވާނުންނާއި އަންހެނުން މަތީ މަޤާމުތަކުގައި ފެންނަ އަދަދު ނުހަނު މަދެވެ. ސިޔާސީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުން ފެނުނު ނަމަވެސް އިންތިޚާބީ މަޤާމުތަކުގައި އެ ފަރާތްތަކުގެ ބައިވެރިވުން މަދުކަމަކީ ހަގީގަތެވެ.
ޤައުމެއް ހަގީގީ މާނައިގައި ކުރިއަރައިގެން ދާނީ އެ ޤައުމެއްގެ ހުރިހާ ފަރުދުންގެ ޚިޔާލާއި މަޝްވަރާ ހިމެނޭގޮތަށް ޤައުމުގެ ކަންކަން ނިންމިގެންނެވެ. މިއީ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ކޮންމެ ވެރިޔަކުވެސް ޤަބޫލުކުރައްވާ ކަމެކެވެ. ނަމަވެސް އެ ބުނާ ޚިޔާލާ މަޝްވަރާވެސް ފުރިހަމަ މާނައިގައި ބޭނުންކުރެވެނީ އެ މީހަކު ހުންނަ މަޤާމެއްގެ ހައިސިއްޔަތުންނެވެ. މުޅި ޤައުމުގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހުށަހެޅި ނަމަވެސް އާޚިރުގައި ގޮތް ނިންމާނީ އެކަންކަން ރައްޔިތުން ހަވާލުކޮށްފައިވާ ބައެކެވެ. އެއީ އިންތިޚާބުކުރައްވާ ބޭފުޅުންނެވެ.
ޒުވާނުންނާއި އަންހެނުންގެ ޚިޔާލާ މަޝްވަރާ ބޭނުންވަނީ ހަމައެކަނި ވިޔަފާރި އާއި ޓެކްނޮލޮޖީ އާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަކުން ނޫނެވެ. ރައްޔިތުންނާ ގުޅޭ މުހިންމު ޤާނޫނުތައް ހަދާއިރު، އެކަމުގައިވެސް އެ ފަރާތްތަކުގެ ބައިވެރިވުން މުހިންމެވެ. އެ ފަރާތްތަކުން ތަޅުމަށް ގެންނާނެ ކަންކަމަކީ އާބާދީގެ ބޮޑުބައެއްގެ ވިސްނުމާއި ފިކުރެވެ. ކުރިއަށް އޮތްތަނުގައި ޤައުމު އޮންނާނެ ގޮތް ބައްޓަންކުރެވޭނެ އައު ޚިޔާލުތަކެވެ.
ފެހި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ %90 އަށްވުރެ ގިނަ މެންބަރުން އިންތިޚާބުވަނީ ސިޔާސީ ދާއިރާގެ "މާހިރުން"ގެ ތެރެއިން ފިރިހެނުންނެވެ. މިހިނގާ ދައުރަށް ބަލާއިރުވެސް ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރޭގައި އަންހެނުން ތަމްސީލުކުރަނީ އެންމެ 3 މެންބަރުންނެވެ. ޒުވާނުން ތަމްސީލުކުރާ މެންބަރުންގެ އަދަދު 15 އަށްވެސް ނާރައެވެ.
ޤައުމުގައި އަދިވެސް ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރަށް ބޭނުންފުޅުވާކަން ގަބޫލުކުރައްވައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އެ ބަދަލުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އައު ޚިޔާލާއި ޤައުމުގެ މުޖުތަމަޢު އިތުރަށް ވަރުގަދަ ކުރެވޭނީ މި ދެބައި މީހުންގެވެސް ބައިވެރިވުން އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ މަޝްރަހުގައި މިއަދު ފެންނަ މަންޒަރު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޒުވާނުން އަދި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބަޔަކަށްވާއިރުގައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ހިންގުމުގެ ނިޒާމު ހަރުދަނާކުރާއިރުމާއި ދައުލަތުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓުމުގައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރެވޭ ދާއިރާތަކުން ޒުވާނުން އިންތިޚާބުކުރެވޭ ގޮތަށް ޒުވާނުންގެ މަޖިލީހެއް އުފައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ 2 އަހަރާއި ބައިގެ ތެރޭގައިވެސް ޒުވާނުންނާއި އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، ސިޔާސީ ދާއިރާއަށް ނުކުންނަށް އަންހެނުންގެ އަދަދު އިތުރުކުރުމަށް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސަކީ ފުލް ޓައިމް މަޤާމަކަށް ހައްދަވައިދެއްވައި އެ ކޮމިޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އެލަވެންސް ލިބޭނެ ގޮތްވެސް ވަނީ ހަދައިދެއްވާފައެވެ. މީގެ އިތުރުން ޤައުމީ ކަންކަމުގައި ލަފާ ދިނުމަށް ޒުވާނުންގެ ޚާއްސަ ކޮމިޓީއެއްވެސް އެމަނިކުފާނު ވަނީ އުފައްދަވާފައެވެ.
ޤައުމުގެ ރައްޔިތުންނާ ގުޅިގެން ނިންމާ ކަންކަމަށާއި ރާއްޖޭގެ ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު ލިބިގެންދާނީ ޒުވާނުންނާއި އަންހެނުންގެވެސް ބައިވެރިވުން އިތުރުކުރެވިގެންނެވެ. ޒުވާނުންނާއި އަންހެނުން ސިޔާސީ ދާއިރާއިން ދުރުކޮށްލާފައިވާ ޤައުމުތަކުގެ ހާލަތު މިއަދު އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ. އަދި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުވެފައިވާ ޤައުމުތައް ކުރިއަރައިގެންދާ މިންވަރުވެސް އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ.